އުމުރުން ދެއަހަރުގެ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައާއި ގުޅިގެން އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ފުލުހުން ހައްޔަރުކޮށްފައި ވާއިރު، އެ މައްސަލައިގަ ހައްޔަރުކުރެވުނު އެންމެނަށް ކުރެވެނީ އެއް ތުހުމަތެއް ނޫންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ މިއަދު ފުލުހުންނާއި ޖެންޑާ މިނިސްޓްރީއާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ފުލުހުން ބުނީ ދެ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި އެންމެނަށް ކުރެވެނީ އެއް ތުހުމަތެއް ނޫން ކަމަށާއި، އޭގެތެރެއިން 2 މީހަކަށް ކުރަނީ ކުއްޖާއާއި މެދު ޖިންސީ އަނިޔާއެއް ހިންގި ކަމުގެ ތުހުމަތު ކަމަށެވެ. އަދި ދެން ހުރި މީހާއަށް މިވަގުތު ކުރަނީ އިހުމާލުގެ ތުހުމަތު ކަމަށް ފުލުހުން ބުނެއެވެ.

"އެންމެނަށް ކުރެވެނީ އެއް ތުހުމަތެއް ނޫން. އޭގެތެރެއިން 2 މީހަކަށް އަޅުގަނޑުމެން ކުރަނީ ކުއްޖާއާއި މެދު ޖިންސީ އަނިޔާއެއް ހިންގި ކަމުގެ ތުހުމަތު. ދެން ހުރި މީހާއަށް އަޅުގަނޑުމެން މިވަގުތު ކުރަނީ އިހުމާލުގެ ތުހުމަތު. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތަކުން ލިބޭ މައުލޫމާތުގެ މައްޗަށް ބަލާފަ އިތުރު ތުހުމަތެއް އެމީހާއަށް ކުރުމަކީ ނެތް ކަމެއް ނޫން." ފުލުހުން ބުނެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ކުއްޖާއަށް އިހުމާލުވެފައި ވަނީ ސީދާ ކޮން ފަރާތެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި އޭގެތެރެއިން ކުއްޖާއައި މެދު ޖިންސީ އަނިޔާއެއް ހިންގި ކަމުގެ ތުހުމަތު ފުލުހުން ކުރަނީ ވަކި ކޮން ދެފަރާތެއްގެ މައްޗަށް ކަމަށްވެސް ފުލުހުން ބުނެފައެއް ނުވެއެވެ. މިކަމާ ގުޅިގެން އިތުރު ތަހުގީގުތަކެއް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

ދެއަހަރުގެ ކުއްޖަކަށް ޖިންސީ ގޯނަކުރިކަމުގެ ވާހަކަ ފެންމަތިވެފައި ވާއިރު، މިކަމާއި ގުޅިގެން އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ވަނީ ހައްޔަރުކޮށްފަ އެވެ. މި މައްސަލައާ ގުޅިގެން އެ ކުއްޖާގެ މުނިކާފައާއި ކާފަ، މާލެ ގެނެސް ދޫނިދޫގައި ވަނީ ބަންދު ކޮށްފަ އެވެ. އަދި އެ ކުއްޖާގެ ބައްޕަ ވެސްވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.