ދެ އަހަަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅުން ހުރި އެ ކުއްޖާގެ ބައްޕަ ހުރި ފްލެޓް ކައިރީގައި ރޭ ހިންގި އިހުތިޖާޖުން ހައްޔަރުކުރި 19 މީހަކު އަދިވެސް ބަންދު ދޫނުކުރާ ކަމަށް ފުލުހުން ބުނެފިއެވެ.

އިހުތިޖާޖު ކުރުމަށް އެއްވި މީހުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގާ ދެ ފުލުހަކަށް އަނިޔާވެސް ވެފައި ވެއެވެ. އަދި އެ ހަމަނުޖެހުން ކޮންޓްރޯލް ކޮށް 27 މީހަކު ފުލުހުން ހައްޔަރު ކުރީ ރޭ އެކި ވަގުތުތަކުގައެވެ.

ފުލުހުން ބުނީ ރޭގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކޮށްފައިވަނީ 26 ފިރިހެނުންނާއި އެއް އަންހެނެއް ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ތިން ފިރިހެން ކުދިންވެސް ހިމެނޭ ކަމަށާއި އެކުދިން ރޭ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ރޭގެ އިހްތިޖާޖުން ހައްޔަރުކުރި އަންހެން މީހާގެ އިތުރުން ހަތަރު ފިރިހެނަކުވެސް ދޫކޮށްލާފައިވާ ކަމަށާއި މިހާރު ބަންދުގައި ތިބީ 19 މީހުން ކަމަށްވެސް ފުލުހުން ބުންޏެވެ.

ހުޅުމާލޭ 108 ފްލެޓް ސަރަހައްދުގައި އިހުތިޖާޖު ކޮށްފައި ވަނީ، ދެ އަހަރުގެ ކުއްޖާގެ ބައްޕަ 108 ފްލެޓުގެ އެޕާޓުމަންޓެއްގައި ހުރުމުންނެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަހުން ވެސް، އާންމުން އެ ސަރަހައްދު ދޫނުކޮށް ފުލުހުންނާ ކުރިމަތިލައިފާ ވެއެވެ.

އެ ސަރަހައްދަށް އެއްވި އާންމުން ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕާ ސްޕްރޭ ވެސް ޖަހާފައި ވެއެވެ.

ދެ އަހަރުގެ ކުއްޖާގެ މައްސަލައާ ގުޅިގެން އިއްޔެ ވަނީ އިހުތިޖާޖުތަކެއްވެސް ބާއްވާފައެވެ. އެގޮތުން، ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އިހުތިޖާޖު ކޮށްފައި ވާއިރު، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓު ކުރިމަތީ ވެސް ވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި ގއ. ގެމަނަފުށީ ޕޮލިސް ސްޓޭޝަން ކުރިމަތީގައި ވެސް ވަނީ އިހުތިޖާޖު ކޮށްފައެވެ. އޭގެ އިތުރުން، ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ވާ އުރުމުން ދުވަސްވީ ދެމީހުން ގެމަނަފުށިން އެއަތޮޅު ވިލިނގިއްޔަށް ގެންދަން އުޅޭތީ، ވިލިނގިލީގެ ރައްޔިތުންގެ ތެރެއިން ބަޔަކުވެސް އެރަށުގައި އެއްވިއެވެ.