އިންޑިއާގެ ވެރިކަން ކުރާ ސިޓީކަމަށްވާ ނިއު ދިއްލީގެ ޝާހީން ބާގް ސަރަހައްދަށް ދަނޑުވެރިންގެ ގުރޫޕަކުން ޖަމާވިއެވެ. ހިނގާމީހުންނަށް ހާއްސަކޮށްފައި އޮތް ބުރިޖު ދަށުގައި އެމީހުން މަޑުކޮށްލިއެވެ. އަދި އެމީހުން ގެނައި ސާމާނު އެތަނުގައި އަތުރާ، ރާވަން ފެށިއެވެ. ގޭސް އުނދުނާ ގެވެހި ކަންވާރުން ފެށިގެން ގޮސް އާބާދީއަކަށް ކާންދެވޭހާ ބޮޑު ބަދިއެއް ރާވާލިއެވެ.
ޝާހީން ބާގްއަކީ، އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހް (ސީއޭއޭ) އާ ދެކޮޅަށް އިންޑިއާގެ މުސްލިމު އަންހެނުން އިސްވެ ކުރަމުންދާ މުޒާހަރާތަކުގެ ރަސްމީ މައިދާނެވެ.
މުޒާހަރާގެ ބައިވެރިންނާ ދަނޑުވެރިންނާ އެއްބައިވެގެން ތައްޔާރުކުރަމުންދިޔައީ އިންޑިއާ ރޮށި ނުވަތަ ޗަޕާތީއެވެ. މިކަން ކުރަނީ އިށީނދެ ތިބެގެން ކުރާ ސުލްހަވެރި މުޒާހަރާއެއްގެ ގޮތުގައެވެ. މުޒާހަރާއެއްގެ ބައެއްގެ ގޮތުގައި ކައްކަމުން ގޮސް ހާހެއްހާ މީހުންގެ މެންދުރުގެ ކޮއްތު ތައްޔާރުކުރިއެވެ. މަހަކަށްވުރެ ދިގުލާ ގޮސްފައިވާ މުޒާހަރާގެ ބައިވެރިންނަށް ހާއްސަކޮށްގެން ތައްޔާރުކުރާ މިތަކެއްޗަށް އިންސާފުކުރަން ކުޑަކުދިންވެސް ޖަމާވެއެވެ.
އިންޑިއާގެ ރަށްވެހިކަމަށް ގާނޫނަށް ގެނައި އިސްލާހަކީ އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުގައި ނުހައްގުން އަނިޔާ ލިބޭކަމަށް ބުނެ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އިންޑިއާއަށް ހިޖުރަކޮށްފައިވާ ޣައިރު މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހަޅުމަށް ފުރުސަތު ފަހިކުރާ ގޮތަށް ގާނޫނަށް ގެނައި ބަދަލެކެވެ.
އިންޑިއާގެ މުސްލިމުން ދެކޭ ގޮތުގައި ރަށްވެހިކަން ދިނުމުގެ މިންގަނޑަކަށް ދީން މިވަނީ ހަދާފައެވެ. އަދި މިއީ މުސްލިމުން އިތުރަށް އެކަހެރިކުރުމަށް ހިންދޫ ނަރޭންދްރާ މޯދީގެ ސަރުކާރުން އެޅި އިތުރު ފިޔަވަޅެއްކަމަށްވެސް އިންޑިއާގެ މުސްލިމު އާބާދީ ދަނީ ބުނަމުންނެވެ.
ސީއޭއޭ އެއް ފަރާތްކޮށްފައި ބަލާއިރު، މިދަނޑިވަޅަކީ ގައުމީ ފެންވަރެއްގައި އިންޑިއާ ރަށްވެހިންގެ ގައުމީ ދަފުތަރު (އެންއާރްސީ) އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާ ދަނޑީވަޅެކެވެ. މިއީ އިންޑިއާގެ ރަށްވެހިންގެ ގޮތުގައި ތިބި އެތައް މުސްލިމުންނެއްގެ ކިބައިން އެ ހައްގު ނުގުޅައި ގަނެވޭ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. އެންއާރްސީގެ ސަބަބުން ރަށްވެހިކަން ގެއްލިދިއުމުގެ ބިރު ބޮޑުވާ މީހުންގެ ތެރޭގައި އަންހެނުންވެސް ހިމެނެއެވެ.
އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހު ރަސްމީކޮށް ތަންފީޒުކުރަން ފެށި ހިސާބުން އަދާ ޖެހުނުއިރު އިންޑިއާގެ އެކި ހިސާބުތަކުގައި އެތައް މިލިއަން ރައްޔިތުންނެއް ދަނީ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިންނާ ސަލާމަތީ ބާރުތަކުން ކުރިމަތިލަނީ އިންތިހާ ގަދަ ބާރާއެކުގައެވެ. އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާއިރު، މިމުޒާހަރާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު 30 އާއި ގާތްކުރެއެވެ.
ހަމްދަރުދީގެ ސަފުތައް
މުޒާހަރާގެ ބައިވެރިންގެ އިހުތިޖާޖު ކުރިއަށްދާއިރު ޝުއޫރު ފާޅުކުރަނިވި އެއްވެސް ބާވަތެއްގެ ލިޔުމެއް ނެތި ސަފަކަށް އެތުރިގެން ހިނގަމުން އެދާ މީހުންނަކީ، މުޒާހަރާގެ ބައިވެރިންނަށް ކާބޯތަކެތި ފޯރުކޮށްދޭ މީހުންނެވެ.
މި ދުވަސްވަރަކީ އިންޑިއާގެ ބައެއް ސަރަހައްދުތަކަށް ފިނި މޫސުމުގެ ދުވަސްވަރެވެ. ފުރުރަމަ ބޮޑު ހަނގުރާމާއަށްފަހު އިންޑިއާގެ ރަމްޒަކަށްވި 'އިންޑިއާ ގޭޓް' ސަރަހައްދުގައި ފިނިހޫނުމިންވަނީ 13 ޑިގްރީ ސެލްސިއަސްއަށް ދަށަށް ގޮސްފައެވެ. ނަމަވެސް އެއީ އުމުރުން 44 އަހަރުގެ މުޙައްމަދު ފުއާދުގެ މަސައްކަތަށް އޮތް ހުރަހަކަށް ނުވިއެވެ. މުޒާހަރާގެ ބައިވެރިން ކޮންޓްރޯލް ކުރުމަށް ފުލުހުން ޖަހާފައިވާ ރީނދޫކުލައިގެ ބެރިކޭޑްތަކުގެ ތެރެއިން ބެރިކޭޑެއްގައި ލެނގިގެން ހުރި ފުއާދު ދިއައީ މުޒާހަރާގެ ބައިވެރިންނަށް ކާބޯތަކެތި ބަހަމުންނެވެ.
ފުއާދު ފޯރުކޮށްދެމުންދިޔަ ކާބޯތަކެތި ތައްޔާރުކޮށްފައި ހުރީވެސް އިންޑިއާގެ ހިންދޫންގެ ގަބޫލުކުރުންތަކާ ފިކުރާވެސް އެއްގޮތަށެވެ. ފުއާދު ބަހަމުންދިޔައީ ގެރިމަސްނުލާ ތައްޔާރުކޮށްފައި ހުރި ބިރިޔާނީކަން އޭނާ ތަފްސީލުކޮށްދެމުންދިޔައެވެ.
މުޒާހަރާގެ ބައިވެރިން އޭރު އެއް އަޑަކަށް ކިޔަމުންދިޔައީ އިންޑިއާގެ ގާނޫނު އަސާސީއެވެ. މުޒާހަރާގެ ބައިވެރިން ބުނާ ގޮތުގައި މޯދީގެ ސަރުކާރުން މިވަނީ އިންޑިއާއަށް އަނދިރި ގާނޫނެއް ގެނެސްފައެވެ. އެއީ އިންޑިއާގެ އެއްބައިވަންތަކަމާ ނަޒާހާތްތެރިކަމަށްވެސް ހުރި ގެއްލުމެއް ކަމަށް މުޒާހަރާގެ ބައިވެރިން ސިފަކުރެއެވެ.
މުޒާހަރާގެ މައިދާން ހުސްކުރުމަށް ފުލުހުން އަމުރުކުރީ އިރުއޮއްސި 8 ޖަހަނިކޮށެވެ. އޭރު، 80 ކިލޯގްރާމްގެ ބިރިޔާނީ ލޯގަނޑު ވަނީ މުޅިން ހުސްވެފައެވެ. ނަމަވެސް އޭރު އޮތީ އެހެން ކަމެއް ފެށިފައެވެ. ބިރިޔާނީ ލޯގަނޑާ މާ ދުރު ނޫން ހިސާބަކުން، 'ސައި ތައްޔާރުވެފައި' ވާކަމަށް އިއުލާން ކުރަމުންދިޔައެވެ.
ގައުމެއް ބައިބައިކޮށް ވަކި ބަޔަކަށް ބާރާ ނުފޫޒު ހޯދާދިނުމުގެ ސިއްރު ނިޔަތެއްގައި ނަމަވެސް އިންޑިއާއަށް ތައާރަފުކުރި ގާނޫނީ 'އިސްލާހް' ވެފައިވަނީ މީގެ ކުރިން އެއް ސުފުރާ މަތިން ނުފެނު އެތައް ގިންތިއަކާ، ފަންތިއަކާ، ގަބޫލުކުރުންތަކެއްގެ ބަޔަކު އެއް މޭޒެއްގެ ދޮށަށް ޖަމާކޮށް އެކުވެރިކުރުވި ޖާފަތަކަށެވެ.