ދިގުލާ ގޮސްފައިވާ ހަނގުރާމައެއް ކުރަމުން އަންނަ ސޫރިޔާގައި ބަދަލު ކުރަމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލަންޖެހޭ ކަމަށާ، ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މިހާތަނަށް އެކުލަވާލާފައިވާ އެއްބަސްވުންތަކުން އާންމު ފަރުދުންނަށް ހިމާޔަތާ ރައްކާތެރިކަމެއް ނެތްކަމަށް، އިންސާނީ ހައްގުތަކާ ބެހޭ އދގެ އިސްވެރިޔާ މިޝޭލް ބެޝެލެޓް ވިދާޅުވެއްޖެއެވެ.

މީގެ ހަފުތާއެއްހާ ދުވަސްކުރިން ސޫރިޔާގައި ތަންފީޒުކުރަންޖެހިފައި އޮތް ހަމަލާ ބަދަލުކުރުން މަނާކުރާ އެއްބަސްވުމަށް އިޝާރާތްކުރައްވަމުން ދެއްވި ބަޔާނެއްގައި ބެޝެލެޓް ވިދާޅުވީ، އެއްގަމާ ވައިގެ މަގުންދެމުންދާ މިސައިލް ހަމަލާތަކުގައި ކޮންމެ ދުވަހަކުވެސް އާންމު މަރުވަމުންދާ ކަމަށާ، އެއީ އިންތިހާއަށް ހިތްދަތި އަދި ނުތަނަވަސްކަން ގެނުވަނިވި ހާލަތެއް ކަމަށެވެ.

ސޫރިޔާގައި މިހާރުވެސް ހަމަލާ ބަދަލު ކުރަމުންދަނީ އިދްލީބް ޕްރޮވިންސްގައެވެ. އިދިކޮޅު ފަރާތްތަކުގެ ބޮޑު ކޮންޓްރޯލެއް އޮންނަ އިދްލީބު، ސޫރިޔާގެ ރައީސް ބައްޝާރު އަލް-އަސަދުގެ ދަށަށް ގެންދިއުމަށް ރަޝިޔާގެ އެއްބާރުލުމާއެކު ސޫރިޔާގެ އަސްކަރިއްޔާއިން ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން 350000 އެއްހާ މީހުން މިހާރުވެސް ވަނީ އެ ސަރަހައްދު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެހެން ހިސާބުތަކަށް ބަދަލުވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިންނެވެ.

އދގެ ރީޖަނަލް ސްޕޯކްސްމަން ފޯ ސީރިއާ ޑޭވިޑް ސްވޮންސަން ވިދާޅުވީ، އިދްލީބުގައި ގެދޮރު ގެއްލެމުންދާ މީހުންނަކީ މިހާރުވެސް އިންތިހާއަށް ދަތި، ނިކަމެތި ހާލުގައި ދިރިއުޅެމުންދާ މީހުން ކަމަށެވެ.

ކަންމިހެން އޮތްއިރު ރަޝީޔާގެ ދިފާއީ ވުޒާރާއިންވަނީ، އިދްލީބު ޕްރޮވިންސްގައި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ބޮން އަޅަމުންދާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ހަމަލާ ބަދަލުކުރުން ހުއްޓާލާ އެއްބަސްވުން، ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު ތަންފީޒު ކުރަން ފެށިފަހުން، އަސްކަރީ ފްލައިޓެއްގެ ހިލަންވެސް ނުވާނެ ކަމަށް ރަޝިޔާއިން ވަނީ ބުނެފައެވެ.