ދެކުނުގެ ރަށެއްގައި 2 އަހަރުގެ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެފައި ވާއިރު، އެ ރަށުގެ ކޯޓުގައި އިސް މެޖިސްޓްރޭޓެއް ނެތިގެން ގެމަނަފުށީ ކޯޓަށް ގެންގޮސް 15 ދުވަސް ޖަހައިފިއެވެ. އަދި މިހާރު އެރަށުން ހައްޔަރުކުރި ދެމީހުން ތިބީ ގއ. ގެމަނަފުށީ ކޯޓުގައެވެ.

ފުލުހުން ބުނީ، މިއަދު ހައްޔަރު ކުރި 62 އަހަރުގެ ފިރިހެން މީހާއާއި 81 އަހަރުގެ ފިރިހެން މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތު ކޯޓުން ދީފައިވާ ކަމަށެވެ.

ކުޑަކުއްޖާއަށް ޖިންސީ ފުރައްސާރަ ކުރި ރަށުގެ ކުރީގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުންނެވި ހަސަން ދީދީގެ ސުލޫކީ މައްސަލައެއް ބަލަމުން ދާތީ އޭނާ މިދިޔަ ޖުލައި މަހުގެ 29 ދުވަހު ސަސްޕެންޑް ކުރުމުން އެ ރަށުގައި އިސް މެޖިސްޓްރޭޓެއް ނެތެވެ. ހައްޔަރު ކުރި ދެމީހުން ގެމަނަފުއްޓަށް ގެންދިޔައީ އެހެންވެގެން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ގެމްނަފުށީގެ ކުރީގެ ކައުންސިލަރު އަބްދުލް ހަންނާނު ވިދާޅުވީ، ދެ މީހުން އެރަށަށް ގެނައި އިރު އެރަށުގެ މެޖިސްޓްރޭޓް ހުންނެވީ ޗުއްޓީގައި ކަމަށެވެ. އެހެންކަމުން އެ ދެމީހުން ގޮވައިގެން ގއ. ވިލިގިއްޔަށް ދިއުމަށް ފުލުހުން ފުރިކަމަށާއި ނަމަވެސް ވިލިގިނލީގައި ރައްޔިތުން އިހުތިޖާޖަށް ތައްޔާރަށް ތިބި ކަން އެނގިފައި ވާތީ ވިލިގިލި ކޯޓުގެ އިސް މެޖިސްޓްރޭޓް ގެމަނަފުއްޓަށް ގެނެސްފައިވާ ކަމަށް އޭނާ ވިދާޅުވެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ރަށުގެ ކައުނސިލަރު ވިދާޅުވީ، މިހާރު އެރަށުގެ ކޯޓުގައި އިސް މެޖިސްޓްރޭޓެއް ނުހުންނާނެ ކަމަށެވެ. އަދި ކުރިން އެރަށުގައި ހުރި އިސް މެޖިސްޓްރޭޓް ހަސަން ދީދީ ސަސްޕެންޑްކުރީ ކީއްވެގެން ކަން އެނގިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

2 އަހަރުގެ ކުއްޖާގެ މައްސަލާގައި ގެމަނަފުށީ ރައްޔިތުން އިހުތިޖާޖު ކުރަނީ

އެ ރަށު މީހަކު "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ އެފަދަ މައްސަލައެއްގައި އޭނާ ވަޒީފާއަށް ނުދާކަމަށާއި ރަށުގައި އެކަހަލަ ވާހަކަ ތަކެއް ދެކެވުނު ކަމަށެވެ. އަދި އެ ރަށުގެ އިސް މެޖިސްޓްރޭޓް ސަސްފެންޑް ކޮށްފައި ވަނީ ކޯޓުގައި ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކޮށްގެން ކަމަށެވެ. އަދި އެ މުވައްޒަފު ވަނީ އަމިއްލައަށް ވަޒީފައިން ވަކިވެފައި ކަމަށްވެސް މައުލޫމާތު ދެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ޖޭއެސްސީން ވަނީ ދެކުނުގެ އެރަށުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ ސުލޫކީ މައްސަލަތަކެއް ބަލަމުން ދާކަން ކަށަވަރު ކޮށްދީފައެވެ. އެގޮތުން ޖޭއެސްސީން ބުނީ ހަސަން ދީދީއާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައިގެ ތަހުގީގު ވަކިގޮތަކަށް ނިމެންދެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އަންގާފައިވާނެ ކަމަށާއި އޭގެތެރޭގައި ޖިންސީ ފުރައްސާރައާއި ގުޅޭ މައްސަލައެއްވެސް ހިމެނޭ ކަމަށެވެ. ޖިންސީ ފުރައްސާރައިގެ މި މައްސަލައިގެ އިތުރުން އިތުރު މައްސަލަތަކެއް ހުރި ކަމަށާއި އެ މައްސަލަތަކުގެ ތަފްސީލު ދެވޭނީ ސަރުކާރު ހުޅުވުމުން ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީ އަށް ހުށައެޅިފައިވާ ޝަކުވާއަކާއި ގުޅިގެން އެ ރަށުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ ސަސްޕެންޑުކުރަން ނިންމާފައި ވަނީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ފެންމަތިވެގެން އުޅޭ 2 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި 81 އަހަރުގެ ފިރިހެން މީހާއާއި 62 އަހަރުގެ ފިރިހެން މީހާ ގެންގޮސްފައި ވަނީ ގެމަނަފުށީ ޕޮލިސް ސްޓޭޝަނަށެވެ.

ގެމަނަފުއްޓަށް އެ ދެމީހުން ހައްޔަރުކޮށްގެން ގެންދިއުމުން މިއަދު ހަވީރު 4:00 އިން ފެށިގެން ގެމަނަފުށި ޕޮލިސް ސްޓޭޝަން ސަރަހައްދުގައި އެރަށު ރައްޔިތުން ވަނީ އިހްތިޖާޖު ކޮށްފައެވެ. މި މައްސަލައިގައި މިހާރު ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 2 އަހަރުގެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފައެވެ. ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިންނެވެ. މިހާރު އޭނާ ވަނީ ދޫނިދުއަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ.