ރައިޒީނާ ޑައިލޮގްގައި ތަގުރީރުކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ އިންޑިއާގެ ދިއްލީއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލައްވައިފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓްރީއާއި އޮބްޒާވާ ރިސާޗް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި މި ޑައިލޮގްގައި މިނިސްޓަރު ޝާހިދު ތަގުރީރުކުރެއްވީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މިނިސްޓަރުގެ ތަގުރީރުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ގައުމުތަކާއި ކަނޑުގެ އައްސޭރިފަށުގައިވާ ގައުމުތަކަށް ދިމާވާ ނުރައްކާތަކާއި ބެހޭ ގޮތުންނެވެ.

ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރު ޝާހިދު ވަނީ 15 ބައްދަލުވުމެއް ބާއްވަވާފައެވެ. އެގޮތުން ގިނަ ގައުމުތަކެއްގެ ހާރިޖީ ވަޒީރުންނާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން އެހެން ބައެއް އިސް އޮފިޝަލުންނާއި މިނިސްޓަރު ޝާހިދު ބައްދަލުކުރެއްވިއެވެ.

މިނިސްޓަރު ޝާހިދު ރައިޒީނާ ޑައިލޮގްގެ ހަވާސާގައި ބައްދަލުކުރެއްވި ބޭފުޅުން:

  • އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ
  • އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރް
  • ޗެކް ރިޕަބްލިކްގެ ހާރިޖީ ވަޒީރު ތޮމާސް ޕެޓްރިޗެކް
  • ލެޓްވިއާގެ ހާރިޖީ ވަޒީރު އެޑްގާސް ރިންކެވިކްސް
  • ރަޝިޔާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯފް
  • ޑެންމާކްގެ ހާރިޖީ ވަޒީރު ޖެޕް ކޮފޮޑް
  • ހަންގޭރީގެ ހާރިޖީ ވަޒީރު ޕީޓަރ ޒެޖާރޓޯ
  • އެސްޓޯނިއާގެ ހާރިޖީ ވަޒީރު އުރްމާސް ރެއިންސާލޫ
  • ދެކުނު އެފްރިކާގެ ހާރިޖީ ވަޒީރު ނަލޭދީ ޕެންޑޯ
  • ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑް
  • ވިލާތުގެ އިއްތިހާދުގެ ހާރިޖީ އަދި ސަލާމަތީ ސިޔާސަތާ ބެހޭ އެންމެ އިސްވެރިޔާ / ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސް ޖޯސެފް ބޮރެލް ފޮންޓާލޭސް
  • އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރަވާތު
  • އިންޑިއާގެ ފޮރިން ސެކްރެޓަރީ (ޑެޒިގްނޭޓް) ހަރްޝް ވަރްދަނާ ޝްރިންގްލާ
  • އަފްޣާނިސްތާނުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ހަމްދުﷲ މޮހިބް
  • އެމެރިކާގެ ގައުމީ ސަލާމަތީ ބެހޭ މުޝީރުގެ ނައިބު މެޓް ޕޮޓިންގާ

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ 11 މީޑިއާއެއްގެ ނޫސްވެރިންނާއި ވަކިވަކިން ބައްދަލުކުރައްވައި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ރައިޒީނާ ޑައިލޮގްގައި ތަގުރީރުކުރެއްވުމުގެ އިތުރުން ޑައިލޮގްގެ ހަވާސާގައި ކުރިއަށް ދިޔަ އެހެން ދެ ހަރަކާތެއްގައި ވެސް މިނިސްޓަރު ޝާހިދު ވާހަކަ ދެއްކެވިއެވެ. އެގޮތުން ކޯލިޝަން ފޯ ޑިޒާސްޓާ ރިޒިލިއެންޓް އިންފްރާސްޓްރަކްޗަރުން އިންތިޒާމްކޮށްގެން ރިޒިލިއެންޓް އިންފްރާސްޓްރަކްޗާގެ މައުޟޫއަށް ބޭއްވި ވަށްމޭޒު މަޝްވަރާއެއްގެ އިތުރުން މޫސުމީ ބަދަލުތަކާއި ޓެރަރިޒަމާއި ބެހޭ ގޮތުން އޮތް ފޭސްބުކް ލައިވް އިވެންޓެއްގައި ވެސް މިނިސްޓަރު ބައިވެރިވެވަޑައިގަތެވެ.

ރައިޒީނާ ޑައިލޮގްގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ އާއި، ދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ ހެޑް އޮފް މިޝަން އާމިނަތު ޝަބީނާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދާއި ޑިރެކްޓާ އޮފް އިންޑިއާ ސެކްޝަން މަރިޔަމް މިދްފާ ނައީމްގެ އިތުރުން މިނިސްޓްރީއާއި އެމްބަސީގެ އިސް މުވައްޒަފުން ވެސް މި ވަނީ މި ދަތުރުގައި ބައިވެރިވެ ވަޑައިގެންފައެވެ.