ޗައިނާއިން އަލަށް ފެނިގެން އުޅޭ ނުރައްކާތެރި ކޮރޯނާ ވައިރަހުގެ އަސަރުކޮށްފައިވާ މީހަކު ޖަޕާނުންވެސް ފެނިފައިވާކަން އެގައުމުން ކަށަވަރު ކޮށްދީފިއެވެ.

ޗައިނާއިން ފެނިގެން އުޅޭ އާ ވައްތަރެއްގެ ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވަނީ ޗައިނާގައި އެ ވައިރަސް ފެތުރެމުންދާ ވޫހާން ސަރަހައްދަށް ދަތުރުކުރި މީހެއްގެ ހަށިގަނޑުން ކަމަށާ، އެމީހާ ވައިރަހަށް ޕޮޒިޓިވް ވެފައިވަނީ ޗައިނާއަށް ދަތުރުކުރުމަށްފަހު އެނބުރި ޖަޕާނަށް އައި ފަހުން ހުން އައިސްގެން ޑޮކްޓަރަށް ދައްކައިގެން ހެދި ޓެސްޓުތަކަކުންނެވެ.

ޗައިނާގައި ފެތުރެމުންދާ ނުރައްކާތެރި ހުމަކީ ކޮރޯނާވައިރަހުގެ އާ ސްޓްރޭންޑެއް ކަމަށާ، މި ވައިރަސް ފެތުރިދާނެ ކަމުގެ ބިރު އެބައޮތްކަމުގެ އިންޒާރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިންވަނީ މީގެ ދުވަސްކޮޅެއް ކުރިންވެސް ދީފައެވެ. އަދި މިކަމާ ބެހޭ އިންޒާރުތައް، ދުނިޔޭގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލުތަކަށްވެސް އެޖަމިއްޔާއިން ދީފައިވާކަމަށް ޚަބަރު ލިބެއެވެ.

ޖަޕާނުން މި ވައިރަހަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު، ގިނަ އަދަދަކަށް ދިވެހިން ދަތުރުކުރާ ތައިލޭންޑްއިންވެސް މިކަމާ ގުޅުންހުރި އަންހެނަކު ކަރަންޓީން ކޮށްފައިވާކަމަށް މައުލުމާތު ލިބެއެވެ. ތައިލޭންޑްގައި ކަރަންޓްކޮށްފައި އިނީ ޗައިނާ އަންހެނެކެވެ.

ކުރިއަށް އޮތީ ޗައިނާގެ ގިނަ ބަޔަކު ފާހަގަކުރާ އެމީހުންގެ އާ އަހަރު ކަމަށްވާއިރު އެ ދުވަސްވަރަކީ އާ ވައިރަސް ފެތުރެމުންދާ ޗައިނާއިން ގިނަ އަދަދެއްގެ ބަޔަކު ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރުކުރާނެ ދުވަސްވަރަކަށް ވުމުން، އޭޝިއާގެ ގިނަ ގައުމުތަކަކުން ވަނީ އެއާޕޯޓްތަކުގެ މޮނިޓަރިންގް ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.

އެމެރިކާއިންވަނީ ޗައިނާގެ ވޫހާންއާއި ދަތުރުކުރުމާ ދެކޮޅަށް އެޑްވައިޒަރީއެއް އާންމުކޮށްފައެވެ.

ޗައިނާއަށް އަލަށްފެނިގެން އުޅޭ ވައިރަހުގެ އަސަރުކޮށް، ނިއުމޯނިއާ ޖެހިގެން އެގައުމުން އުމުރުން 61 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފައެވެ. ނިއުމޯނިއާއަކީ މި ވައިރަހުގެ އަސަރުކުރި ކަމުގެ ނިޝާނެކެވެ. ނިއުމޯނިއާއަކީ ބެކްޓީރިއާ، ވައިރަސް ނުވަތަ ފަންގަސްއާއި އެފަދަ ދިރުމެއްގެ އަސަރު ހަށިގަނޑަށް ކުރުމުގެ ސަބަބުން ފުއްޕާމޭގެ ދެފަރާތް ނުވަތަ އެއް ފަރާތް އިންފެކްޓްވެ، އިންފްލޭމްވުމަށް މެދުވެރިވާ ހާލަތަކެވެ.