އިނގިރޭސިވިލާތުގެ ޑަޗަސް އޮފް ސަސެކްސް އަދި ޓީވީ ބަތޮލާ މޭގަން މާކެލްއާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދިނުމަށް، އޭނާގެ ބައްޕަ ޓޮމަސް މާކެލް ހުރީ ތައްޔާރަށް ކަމަށް، މޭގަންއާއި އެއްބަފާ ސަމޭންތާ މާކެލް ހާމަކޮށްފިއެވެ.

ޓޮމަސް މާކެލް ފުރަތަމަ ކުރި ކައިވެންޏަށް ލިބުނު ސަމޭންތާ މާކެލް ބުނީ މޭގަންއާއި ދެކޮޅަށް ހެކިބަސް ދިނުމަށް ކޯޓުން ގޮވާލައިފި ހިނދެއްގައި އެކަމަށް އިޖާބަ ދިނުމަށް ބައްޕަ ތައްޔާރަށް ހުރި ކަމަށެވެ.

މޭގަންއާ ގުޅިގެން ކޯޓެއްގައި މިހާރު ކުރިއަށްދަނީ ޓެބްލޮއިޑް އުސޫލުން އިނގިރޭސިވިލާތުގައި ޝާއިއު ކުރަމުން އަންނަ ދުވަހު ނޫހެއް ކަމަށްވާ 'މެއިލް އޮން ސަންޑޭ'ގައި، މޭގަންގެ ޒާތީ ލިޔުންތަކެއް ޝާއިއުކުރި މައްސަލައަކާ ގުޅިގެން ކުރިއަށްދާ ޝަރީއަތެކެވެ. މި ޝަރީއަތާ ގުޅިގެން އެންމެ ފަހުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މެއިލް އޮން ސަންޑޭއިން ހެއްކެއްގެ ގޮތުގައި މޭގަންގެ ބައްޕަ ހާޒިރުކުރަން ވަނީ ނިންމާފައެވެ.

މޭގަންގެ ބައްޕައަށް އޭނާ ލިޔެފައިވާ ޒާތީ ލިޔުމެއް މެއިލް އޮން ސަންޑޭގައި އާންމުކޮށްފައިވާ މައްސަލާގައި މިހާރު ކުރިއަށްދާ ޝަރީއަތުގެ އަޑުއެހުމެއް އެންމެ އަވަހަށް ދެން އޮންނާނީ ކޮން ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

މެއިލް އޮން ސަންޑޭއާ ދެކޮޅަށް މޭގަން ދައުވާ ކުރަނީ އޭނާގެ ޒާތީ މައުލޫމާތުން ނާޖާއިޒު ފައިދާ ނެގުމާ، ކޮޕީރައީޓް ގާނޫނާ ހިލާފުވުމުގެ އިތުރުން ހިތުހުރި ގޮތަކަށް މައުލޫމާތަށް ބަދަލުގެނައުމުގެ ކުށުގެ ދައުވާއެވެ.

ދައުވާތަކަށް އިންކާރު ކުރަމުން، ދިފާއުގައި މެއިލް އޮން ސަންޑޭއިން ބުނީ އެލިޔުން އާންމުކުރުމުގައި އާންމު މަސްލަހަތު ބޮޑުވެފައިވާ، ގާނޫނީ ހައިސިއްޔަތުވެސް އެކަމަށް ލިބިފައިވާކަމަށެވެ.

ހެރީއާއި މޭގަންގެ ކައިވެންޏާ ހިސާބުން އެ ދެމަފިރިންގެ ވާހަކަ މީޑިއާއިން ފަނޑުވެނުދެއެވެ. އެގޮތުން މިހާރު އެންމެ ބާރަށް ދެކެވެމުންދަނީ، އިނގިރޭސިވިލާތުގެ ޝާހީ ހާންދާނުގެ ހުރިހާ އިސް މަގާމުތަކެއް ދޫކޮށްލުމަށް ޕްރިންސް ހެރީގެ ދެމަފިރިން ނިންމާފައިވާކަމުގެ ވާހަކައެވެ.