އަމިއްލަ ސްކޫލުތައް ހިމެނޭގޮތަށް ރާއްޖޭގެ ހުރިހާ ސްކޫލު ތަަކެއްގެ ދަރިވަރުންގެ ވެކްސިން މައުލޫމާތު ހިއްސާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދަރިވަރުންނަށް ތައުލީމު ދިނުމަކީ ސްކޫލުތަކާއި އެޑިއުކޭޝަން މިނިސްޓްރީގެ ޒިންމާއެއް ކަމަށެވެ.

އަދި ރާއްޖޭގެ ވެކްސިން ތާވަލަށް މިދިޔަ އަހަރު އެޗްޕީއޭއިން ބަދަލު ގެނެސްފައިވާ ކަމަށްވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ. ރާއްޖޭގެ ސްކޫލުތަކަށް ކޮންމެ ގްރޭޑަކަށް އަލަށް ވައްދާ ކުދިންނާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާ ކުދިންނަކީ ގައުމީ ވެކްސިން ތާވަލުގައި ފުރިހަމަ ކުރަންޖެހޭ ވެކްސިންތައް ފުރިހަމަކޮށްފައިވާ ކުދިންކަން ކަށަވަރު ކުރުމަށް ހަމަޖައްސާފައިވާ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ސާކިއުލާގައި ބުނެފައި ވަނީ އެޑިއުކޭޝަނުން ވަނީ ރާއްޖޭގައި ހިންގާ ސަރުކާރު، އަވަށު އަދި އަމިއްލަ ސްކޫލުތަކުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ވެކްސިން ފުރިހަމަކޮށްފައިވާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު އަންނަ މަހުގެ 27 ގެ ކުރިން ސޯޝަލް މީޑިއާ އަށް އަޕްޑޭޓުކޮށް އެ މައުލޫމާތު ސޯޝަލް މީޑިއާ މެދުވެރިކޮށް ބެލެހެއްޓުމަށް ސްކޫލުތަކަށް އަންގައިފައެވެ.

އެޑިއުކޭޝަނުން އެ ސާކިއުލާގައި ބުނީ ވެކްސިން ނުޖަހާ ނުވަތަ ވެކްސިން ތާވަލު ފުރިހަމަ ނުކުރާ ދަރިވަރަކު އެއްވެސް ސްކޫލަކަށް ފާހަގަވެއްޖެނަމަ އެ ދަރިވަރެއްގެ މައުލޫމާތު އެޑިއުކޭޝަންގެ ހެލްތު އެންޑް ސޭފްޓީ ސެކްޝަނާ ހިއްސާކޮށް އެ ސެކްޝަން މެދުވެރިކޮށް ނުވަތަ އެޗްޕީއޭގެ ވެކްސިން ޕްރޮގްރާމުގައި ބައިވެރިކޮށް ވެކްސިން ފުރިހަމަކުރުމަށް މަސައްކަތްކުރުމަށް ސްކޫލުތަކަށް އަންގާ ކަމަށެވެ.

ސަރުކާރު ސްކޫލުތަކަށް ދަރިވަރުން ވައްދާއިރު ވެކްސިނުގެ މައުލޫމާތު ސާފުކުރި ނަމަވެސް އަމިއްލަ ބައެއް ސްކޫލުތަކުން ވެކްސިންގެ މައުލޫމާތު ފުުރިހަމަ ކުރިތޯ ނުބަލާ ދަރިވަރުން ސްކޫލަށް ވައްދާ މައްސަލަ މި ފަހުން ވަނީ ފެންމަތިވެފައެވެ. އެގޮތުން ވެކްސިން ނުޖަހައި ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރި ކަމަށް، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެފައިވެއެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވަނީ ވެކްސިން ނުދޭ ކުދިން ވައްދާ ސްކޫލޭއް އެނގޭނަމަ އެ ސްކޫލެއްގެ މައުލޫމާތު އެޑިއުކޭޝަން މިނސިްޓްރީއާ ހިއްސާކުރުމަށް ގޮވާލައްވާފައެވެ.

ރާއްޖޭގައި މިހާރު ހިމަބިހި ފެތުރެމުން ދާއިރު، ފުރަތަމަ ފެނިފައި ވަނީ ވެކްސިން ދިނުން ހުއްޓާލި 3 އަހަރުގެ ކުއްޖެއްގެ ގައިންނެވެ. އަދި މިހާރު 30 އަހަރުގެ މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައި ވާއިރު ތިންވަނަ މީހަކު ވަނީ މިދިޔަ އަންގާރަ ދުވަހު ހިމަބިއްސަށް ޕޮޒިޓިވް ވެފައެވެ.