ޓްރާންޝިޕްމަންޓާއެކު އައިހެވަންގެ މާސްޓަޕްލޭން އަދި ފީޒިބިލިޓީ ސްޓަޑީޒް އޮންނާނީ ނިންމާފައި ކަމަށާއި އެ ޕްރޮޖެކްޓްގެ މަސައްކަތް މި ސަރުކާރުން ކުރިއަށް ނުގެންދާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ޓްރާންޝިޕްމަންޓް ބަނދަރަކަށް އިންވެސްޓް ކުރާނެ ބަޔަކު ހޯދަން އެކި ގައުމުތަކާއެކު މި ސަރުކާރުން ވާހަކަ ދައްކަމުން އަންނަ ކަމަށް "ތިލަދުންމަތީ އިރުވައި ކޮންފަރެންސް" ގައި ވާހަކަ ދައްކަވަމުން މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިއްޔެ ވިދާޅުވުމާ ގުޅިގެނެވެ.
ސައީދު ވިދާޅުވީ އިހަވަންދިއްޕޮޅާއި ފާފު އަތޮޅުގެ ބިޔަ މަޝްރޫއު ހުއްޓުވީ ކޮން ބައެއްކަން ދިވެހި ރަތްޔިތުންނަށް ނޯޅޭނެ ކަމަށެވެ. ޓްރާންޝިޕްމަންޓާއެކު އައިހެވަންގެ މާސްޓަޕްލޭން އަދި ފީޒިބިލިޓީސްޓަޑީޒް ނިންމާފައިވާ ކަމަށާއި އެޕްރޮޖެކްޓް މިސަރުކާރުން ކުރިއަށް ނުގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިހަވަންދިއްޕޮޅު ތަރައްގީ ކުރާނެ ޕްލޭނެއް ރާވަމުން ގެންދަވާ ކަމަށާއި އެ ސަރަހައްދު ތަރައްގީ ކުރާނީ އިންޓެގްރޭޓެޑް ޕްލޭނެއްގެ ދަށުން ކަމަށް ރިޔާސީ އިންތިހާބުގެ ކެންޕޭން ތެރޭގައި ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ.
ފައްޔާޒް އިއްޔެ ވިދާޅުވީ އިންވެސްޓްމެންޓްތަައް ހޯދުމަށްޓަކައި މިހާރު ވެސް ގައުމުތަކާ ވާހަކަ ދައްކަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ސައުދީ އަރަބިއާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް [ޔޫއޭއީ]އާއި އިންޑިއާ އަދި އެމެރިކާގެ އިންވެސްޓަރުންނާ ވެސް ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް "އައިހެވަން" ގެ ނަމުގައި އިހަވަންދިއްޕޮޅުގައި ޓްރާންޝިޕްމަންޓް ބަނދަރެއްގެ މަސައްކަތް ފެށުމުގެ ވާހަކަތައް ދެއްކެވިއެވެ. އަދި 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ މެނިފެސްޓޯގައި ވެސް އެ މަޝްރޫއުގެ ވާހަކަ ހިމަނާފައި އޮތެވެ. ނަމަވެސް އެމަޝްރޫއަށް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.
ޔާމީންގެ ސަރުކާރުން ހޭދަކޮށްގެން ޓްރާންޝިޕްމަންޓް ބަނދަރުގެ މާސްޓާ ޕްލޭންގެ މަސައްކަތް ކުރީ ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުނިންނެވެ. އަދި ފީސިބިލިޓީ ހެދީ އެެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕާ (ބީސީޖީ) އިންނެވެ.