ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބާއްވައިގެން އަނިޔާ ކުރުމުން ތާއީދު އިތުރު ވަނީ ރައީސް ޔާމީނަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްގީ ސަރުކާރަށް ގެނެސް ނުދެވޭ ކަމަށާއި ވައުދުތައް ވެސް ނުފުއްދޭ ކަމަށެވެ. އޭގެ ސަބަބުން ސަރުކާރަށް އޮތް ތާއީދު ކުޑަވެ، އިދިކޮޅު ކޯލިޝަނަށް ތާއީދު އިތުރުވަމުންދާ ކަމަށެވެ.
"ރައީސް ޔާމީނަށް އޮންނަ ތާއީދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުން، އެމަނިކުފާނު ޖަލުގައި ހޭދަކުރައްވާ ކޮންމެ ދުވަހަކު ދަނީ އެމަނިކުފާނަށް ތާއީދު އިތުރުވަމުން، މި ސަރުކާރުން ހޭދަ ކުރާ ކޮންމެ ދުވަހަކަށް ރައީސް ޔާމީނަށް އޮންނަ ތާއީދު ވަނީ އިތުރުވަމުން ދޭ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވަނީ ޕީޕީއެމްއަކީ ލާމަރުކަޒީ ނިޒާމު ދަންނަ ޕާޓީއެއް ނޫން ކަމަށް ބުނެ އެމްޑީޕީން ދައްކަމުން ގެންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގައި ދިވެހިންނަށާއި ގައުމަށް ހެޔޮ އެދިގެން މަސައްކަތް ކުރަނީ ހަމައެކަނި އިދިކޮޅު ކޯލިޝަނުން ކަމަށެވެ. އެމްޑީޕީއަކީ ޑިމޮކްރަސީ ދަންނަ ބައެއް ނޫން ކަމަށެވެ.
"އެމްޑީޕީ އެ ދަންނަ ޑިމޮކްރަސީއެއް އަޅުގަނޑުމެން ނުދަންނަން، އެ ޑިމޮކްރަސީ ދަސް ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ވެސް ނޫން، އެ ބޭފުޅުން ދަންނަ ލާމަރުކަޒީއަކީ ލާދީނީ ޑިމޮކްރަސީ، ކެމްޕޭނަށް ދައުލަތުގެ ވަސީލަތް ބޭނުން ކުރުން، އެ އަޅުގަނޑުމެން ބޭނުމެއް ނޫން،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ގައުމު ސަލާމަތް ކުރެވޭނީ ކައުންސިލްތައް ޕީޕީއެމަށް ދީގެން ކަމަށެވެ. އެކަން ކުރުމުން އެކަނި މަސައްކަތް ނުނިމޭ ކަމަށާއި ކައުންސިލްތައް ކާމިޔާބުކޮށް ޕީޕީއެމް އަލުން ވެރިކަމަށް ގެންނަން މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.
މާދަމާގެ މުސްތަގުބަލު ބިނާ ކުރެވެން އޮތީ ޕީޕީއެމްއަށް ވެރިކަމާ ހަވާލުވުމުގެ ފުރުސަތު ލިބިގެން ކަމަށާއި ޕީޕީއެމްއަށް އެފުރުސަތު އަލުން ރައްޔިތުން ހޯދައިދޭންޖެހޭ ކަމަށެވެ. ޕީޕީއެމްއަށް ހޯދައި ދިނުމަކީ ރައީސް ޔާމީނަށް ހޯދައި ދިނުން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.