އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެ މަގާމުން އަޒުލުކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް) އިން ނިންމި ނިންމުން، ސެނެޓް (ގާނޫނު ހަދާ މަޖިލީހުގެ މަތިގެ) އަށް ފޮނުވަން އެކުލަވާލި ގަރާރު ފާސްކޮށްފިއެވެ.
ޓްރަމްޕް އަޒުލުކުރުމާ ގުޅޭ ގަރާރު ސެނެޓަށް ފޮނުވުމަށް، ތިރިގެއިން 228 ވޯޓު ދީފައިވާއިރު، އެކަމާ ދެކޮޅަށް ދީފައިވަނީ 193 ވޯޓްއެވެ.
ޓްރަމްޕްއާއި ދެކޮޅަށް ސެނެޓްގައި ކުރިއަށްދާ 'ސަރިޔަތު'ގައި ވަކާލާތުކުރައްވާނެ މަޖިލީސް މެމްބަރުން ކަނޑައަޅާފައިވާ ލިސްޓުގެ އިތުރުނ ސެނެޓަށް މައްސަލަ ފޮނުވާ ގަރާރުގައި ސޮއިކުރައްވާފައިވަނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ރައީސާ ނޭންސީ ޕެލޯސީއެވެ.
އިދިކޮޅު ޑިމޮކްރަޓުންގެ ބޮޑު ކޮންޓްރޯލެއް އޮންނަ ތިރިގެއިން ޓްރަމްޕް އަޒުލުކުރީ މިދިޔަ މަހުގެ ތެރޭގައެވެ. ޓްރަމްޕްއަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން އަޒުލުކުރި 3 ވަނަ ރައީސްއެވެ.
ޓްރަމްޕް އަޒުލުކުރުމަށް ސެނެޓަށް ފޮނުވާފައިވާ ލިޔެކިއުންތައް، މަތިގޭގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާނީ މިރޭގެ ވަގުތެއްގައެވެ.