180 މީހުންނާއެކު ޔޫކްރައިންގެ ކިއޭފްއަށް ދަތުރުކުރަމުންދިޔަ ފްލައިޓް ޕީއެސް752އަށް ނޭނގުމެއްގެ ތެރޭގައި ނަމަވެސް ހަމަލާ ދީ ވައްޓާލަންޖެހުނު ސަބަބެއް އިތުރަށް ތަފްސީލުކޮށްދިނުމަށް އީރާނުގެ އަސްކަރިއްޔާއަށް، އެގައުމުގެ ރައީސް ހަސަން ރޫހާނީ ގޮވާލައްވައިފިއެވެ.

އީރާނު އަސްކަރިއްޔާގެ އެންމެ ނުފޫޒުގަދަ ކޮމާންޑަރު ކަމަށްވާ ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމާ ގުޅިގެން އެކަމުގެ ބަދަލުހިފުމަށް، އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް އީރާނުން މިސައިލް ހަމަލާތަކެއް ދިންތާ ކުޑަ ވަގުތުކޮޅެއް ފަހުން، އީރާނުގެ ވެރިރަށް ތެހްރާންގެ އިމާމް ޚަމަނާއީ އެއާޕޯޓުން އުދުއްސާލި މަތިންދާބޯޓަށް އަސްކަރީ ހަމަލާ އަމާޒުވެ، އެ ބޯޓު ވެއްޓުނު ހާދިސާގައި، އެ ބޯޓުން ދަތުރުކުރި އެންމެންގެ ފުރާނަވަނީ ގެއްލިފައެވެ.

ބޯޓު ވައްޓާލާފައިވަނީ އަސްކަރިއްޔާގެ މިސައިލް ހަމަލާއެއް އަމާޒުވެގެން ކަމަށް ސޯޝަލް މީޑިއާގައި ވަކާލާތު ކުރަމުންދަނިކޮށް އީރާނުގެ އަސްކަރިއްޔާއިންވަނީ، އެއީ ހިނގި ކަމެއް ކަމަށާ، އެކަން ހިނގާފައިވަނީ އެމެރިކާގެ އަމަލުތައް ހުރި ގޮތުން، ނޭނގުމެއްގެ ތެރެއިން އޮޅުމެއް އަރައިގެން ހެދުނު ގޯހަކުން ކަމަށް ބުނެ، ދިފާއަށް ކުޅެފައެވެ.

ކަންމިހެން އޮތްއިރު، މިދިޔަ ބުދަ ދުވަހުގެ ހާދިސާއާއި ގުޅިގެން ދުވަސްތަކެއް ވަންދެން އާންމު ރައްޔިތުންނަށް 'ދޮގުތަކެއް ހަދަމުންދިޔަކަމަށް' އީރާނުގެ ހާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފުވެސްވަނީ އިއުތިރާފުވެވަޑައިގެންފައެވެ. އަދި މިކަމުގައި އޭނާއާއި ރައީސަށްވެސް ނޭނގޭ ކަންތައްތަކެއް، ފޮރުވާފައި ހުރި ކަމަށް ޒަރީފު ވަނީ ވިދާޅުވެފައެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓީވީ ޗެނަލަކަށް ދެއްވި ބަސްދީބަސްގަތުމެއްގައި ޒަރީފު ވިދާޅުވީ، މިކަމާބެހޭ ހަގީގަތް އޭނާއާއި ރައީސްއަށް އެނގުނުހާ އަވަހަކަށް އެވާހަކަތައް ހިއްސާކުރައްވާފައިވާނެ ކަމަށެވެ. އަދި ލަސްތަކެއް ނުވެ، މި ހަމަލާގެ ޒިންމާ އަސްކަރިއްޔާއިން އުފުލިކަމީ އެ އަސްކަރިއްޔާގެ 'ހިތްވަރުގަދަކަން' ކަމަށްވެސް ޒަރީފުވަނީ ވިދާޅުވެފައެވެ.

ކަންމިހެން އޮތްއިރު އީރާނު އަސްކަރިއްޔާއިން ބޯޓު ވައްޓާލިކަމަށް އިއުތިރާފުވީ، އެކަމަށް ބާރުދޭ ސާބިތު ހެކި ހުރިކަމަށް އެމެރިކާއާއި ވިލާތުގެ ބާރުތަކުން ބުނަމުންދިޔަތަ 3 ވަރަކަށް ދުވަސް ފަހުންނެވެ.

ބައިނަލްއަގުވާމީ ޚަބަރު ފެތުރުމުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ނިއު ޔޯކް ޓައިމްސްއިން މިހާރު ކަށަވަރުކޮށްދެމުންދާ ގޮތުގައި، ފްލައިޓް ޕީއެސް752 އަށް 30 ސިކުންތުގެ ތެރޭގައި 2 މިސައިލް ހަމަލާއެއް ވަނީ އަމާޒުވެފައެވެ. އަދި އެމަންޒަރުތައް ފެންނަ ވީޑިއޯއެއްވެސް މިހާރު ދަނީ ދައުރުވަމުންނެވެ.