ގާނޫނުއަސާސީގައި ބުނެފައިވާ ތިން އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ފެނިވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ހދ. ނޮޅިވަރަމަށް ވަޑައިގެން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ބައެއް ކަންކަން ލަސްވުމުގައި ބައިވަރު ސަބަބުތަކެއް ހުރެދާނެ ކަމަށެވެ. އެންމެ ބޮޑު ސަބަބަކީ އިންތިހާބުތައް ވަކިވަކިން އޮތުން ކަަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިއީ ބަދަލުކޮށްގެން ހައްލު ހޯދިދާނެ ކަމެއް ކަމަށެވެ. އަދި މީގެ ކުރިން ވެސް މިކަމަށް ތާއީދު ކުރައްވައި އެމަނިކުފާނު ވާހަކަދެއްކެވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ނިމޭތާ ހައެއްކަ މަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި އޭގެ 10 ވަރަކަށް މަސް ދުވަސް ފަހުން ލޯކަލް ކައުންސިލް އިންތިހާބު ކުރިމަތިވާ ކަމަށެވެ. އަދި އެ އިންތިހާބުތަކުގައި ސަރުކާރަށް ތާއީދުކުރާ ގިނަ ބަޔަކު އިންތިހާބު ކުރުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ މަސައްކަތްތަކެއް ހުންނަ ކަމަށާއި އެ އިންތިހާބުތަކަށް އަމާޒު ހިފުމަށްފަހު ރައްޔިތުންނަށްޓަކައި ތަރައްގީއަށް ރޭވިފައިވާ މަޝްރޫއުތައް ފެށުމުގައި ބައެއް ފަހަރު ލަސްތަކެއް ކުރިމަތިވާ ކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވި ގޮތުގައި ތިން އިންތިހާބު އެކުގައި ބޭއްވިއްޖެނަމަ ގައުމީ ތަރައްގީގެ މަސައްކަތްތަކަށް ހަލުވި ކަމެއް އަންނާނެ ކަމަށާއި ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަަމަށްވެސް ވިދާޅުވެފައި ވެއެވެ. އަދި އެ މަސައްކަތުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީސް އޮތީ ބަދަހިކަމާ އެކުގައި ކަަމަށް ވިދާޅުވެވެސް ވަނީ ވާހަކަ ދައްކަވާފައެވެ.