ކޮންމެ ދުވަހަކީވެސް، އިރާގަށް ވެރިވެގަނެގެން އުޅޭ ބޭރުގެ އަސްކަރީ ފައުޖުތަކުގެ ފުށުން، އެއްގަމާ، ކަނޑާ، ވައިގެ މަގުން ފުރައްސާރައާއި އެގައުމަށް ކުރިމަތިލާންޖެހޭ ދުވަހެއް ކަމަށް، އިރާގުގެ މަޝްހޫރު ޝީއީ ލީޑަރު މުގުތަދާ އައް-ސަދްރު ބުނެފިއެވެ.

އިރާގުގައި މަރުކަޒުވެގެން ތިބި ބޭރުގެ އަސްކަރީ ފައުޖުތަކުގެ ފަރާތުން ފުރައްސާރަކުރިމަތިވާކަމަށް ޓްވީޓްކުރި ސަދްރު ވަނީ، އިރާގުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ ފައުޖުތަކާ ދެކޮޅަށް އިރާހުން 'މިލިއަން-މީހުން' ހިނގާލުމަކަށް ނިކުތުމަށްވެސް ގޮވާލާފައެވެ. ވަކި ތާރީހަކާ، މައިދާނެއްގެ ތަފްސީލު ދިނުމަކާ ނުލާ ސަދްރު ވަނީ، އިރާގުގެ ފަސްގަނޑުގައި އެމެރިކާއިން ތިބޭ ތިބުން ކުށްވެރިކޮށް، އެމީހުންގެ ފުށުން ލިބެމުންދާ އަނިޔާތަކާ ދެކޮޅަށް މިލިއަނެއްހާ މީހުން ސުލްހަވެރިކަމާއެކު ނިކުތުމަށް ހިތްވަރު ދީފައެވެ.

ސަދްރު މިކަމަށް ގޮވާލާފައި މިވަނީ، އިރާގުގައި ހަރަކާތްތެރިވަމުން އަންނަ ބޭރުގެ އަސްކަރީ ފައުޖުތައް އެގައުމުން ބޭރުކުރުމަށް އިރާގުގެ ގާނޫނު ހަދާ މަޖިލީހުންވެސް ތާއީދުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އިރާގުގައި ހަރަކާތްތެރިވާ ބޭރުގެ އަސްކަރީ ފައުޖުތައް އެގައުމުން ބޭލުމަށާ، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާ ކުރިމަތިލުމަށް އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުންދޭ ގައުމުތަކުގެ އިއްތިހާދުގެ އެހީތެރިކަމަށް އިރާގުގެ ސަރުކާރުން އެދިފައިވާ އެދުން ކެންސަލް ކުރުމަށް ގޮވާލާ ގަރާރެއް، އިރާގުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

މި ގަރާރަށްވެސް ސަދްރުވަނީ ފާޑުކިއާއެވެ. އެގޮތުން، ގައުމަށް މިވަގުތު ބޭނުންވާ މިންވަރަށްވެސް މި ގަރާރުން ބާރު ނުދޭ ކަމަށް ސަދްރު ވަނީ ސިފަކޮށްފައެވެ. އަދި އެގައުމުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކުން ސުލްހަވެރިކަމާއެކު، މިމައްސަލާގައި އެކަތިގަނޑަކަށްވުމަށްވެސް ސަދްރުވަނީ ގޮވާލާފައެވެ.

އެމެރިކާ އަސްކަރިއްޔާގެ 5000 އެއްހާ ސިފައިން މިހާރުވެސް އިރާގުގައި ތިބިއިރު، މީގެ ތެރެއިން ގިނަ ސިފައިންނަކީ އެޑްވައިޒަރުންގެ ނަމުގައި ތިބި ސިފައިންނެވެ.

އެމެރިކާގެ ފައުޖުތަކާ ދެކޮޅަށް އިރާގުގައި ވަރުގަދަ ރޫހެއް ފެށިފައި މިވަނީ، އެމެރިކާގެ ޒަމާންވީ އަދުއްވު ކަމަށްވާ އީރާނާ އެމެރިކާއާއި ދެމެދު ހަމަލާ ބަދަލުކުރާ މައިދާނަކަށް އިރާގު ވެފައިވާ ދަނޑިވަޅެއްގައެވެ.