ފާއިތުވީ 72 ގަޑިއިރެއްހާއިރު ތެރޭގައި ޕާކިސްތާނަށް ފައިބަމުންދިޔަ ސްނޯއާއި ބޯކޮށް ވެހެމުންދިޔަ ވާރޭގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 70 އަށް އަރައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވިއްސާރައާއި ގުޅިގެން ހިނގި އެކި ހާދިސާތަކުގައި 29 މީހަކަށްވަނީ އެކިވަރުގެ ހާނީއްކަތައްވެސް ވެފައެވެ.

ކަޝްމީރު ސަރަހައްދުން އެކަނިވެސް 55 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން، ދަތުރުފަތުރަށްވެސް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ. ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބައެއް މަގުތައް ބަންދުކޮށްފައިވާކަމަށްވެސް ޚަބަރު ލިބެއެވެ. ކަންމިހެން އޮތްއިރު، ބައެއް މަގުތަކުގައި 23 އިންޗިއަށް ސްނޯ ބޯވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުގެ އިތުރުން އަފްގާނިސްތާނަށްވެސް ގަދަ ފިނީގެ އަސަރުތައް ދަނީ ކުރަމުންނެވެ. މިހާދިސާގައި އަފްގާނިސްތާނުންވެސް 15 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް މައުލޫމާތު ލިބެއެވެ. މިއާއެކު އާދީއްތަ ދުވަހުން ފެށިގެން މި ދެގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު މިވަނީ 120 އަށްވުރެ މައްޗަށް އަރާފައި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.