އީރާނުގެ ވެރިރަށް ތެހްރާންގެ އިމާމު ހުމައިނާއީ ވައިގެބަނދަރުން އުދުއްސާލިތާ މާގިނައިރެއް ނުވަނީސް ވެއްޓުނު ޔޫކްރައިންގެ ފަސެންޖަރު އެއާލައިންގެ ފްލައިޓް ޕީއެސް752އަށް މިސައިލް ހަމަލާއެއް އަމާޒުވެ އެ ބޯޓު ވެއްޓުނު މަންޒަރު ވީޑިއޯކުރި މީހާ ހައްޔަރުކޮށްފިއެވެ.

180 މީހުންނާއެކު ދަތުރުކުރަމުންދިޔަ ފްލައިޓް ޕީއެސް752އަށް މިސައިލް ހަމަލާ އަމާޒުވާ މަންޒަރު ސާފުކޮށް ފެންނަ މި ވީޑިއޯ ނެގި މީހާ ހައްޔަރު ކޮށްފައިވަނީ ގައުމީ ސަލާމަތާ ގުޅުންހުރި މައްސަލައެއްގައި ކަމަށާ އޭނާއާއި ދެކޮޅަށް ދައުވާ ކުރާނީވެސް މިފަދަ މޭރުމަކުން ކަމަށް ބެލެވެއެވެ.

ބޯޓުން ދަތުރުކުރި އެންމެންގެ ފުރާނަ ގެއްލިދިޔަ މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ، ނޭނގުމެއްގެ ތެރޭގައި އީރާނުގެ އަސްކަރިއްޔާއަށް އެރި އޮޅުމެއްގެ ތެރޭގައި ހެދުނު ގޯހަމުން ކަމަށް އީރާނުން ވަނީ އިއުތިރާފުވެފައެވެ. އަދި އެފަދަ ކަމެއް ހިނގާފައިވަނީ އެމެރިކާގެ އަމަލުތައް ހުންނަ ގޮތުން ކަމަށް ބުނެ، އީރާނުންވަނީ ދިފާއަށްވެސް ކުޅެފައެވެ.

މައްސަލަ ބަލަމުންދާއިރު، މި ހާދިސާއާއި ގުޅިގެން ގިނަ ބަޔަކު ހައްޔަރުކުރަމުންދާކަންވެސް އީރާނުގެ ކަމާބެހޭ ފަރާތްތަކުންވަނީ ހާމަކޮށްފައެވެ.

https://www.youtube.com/watch?v=M7r4VMTM2GE

އީރާނު ޖުޑީޝަރީގެ ތަރުޖަމާނު ގުލާމުހުސައިން އިސްމާއީލީ ވިދާޅުވީ ބޯޓު ވައްޓާލި ހާދިސާއާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް އަދި ކަށަވަރުވާ ގޮތެއް ނުވެއެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ ފްލައިޓް ޕީއެސް752 ވައްޓާލި ހާދިސާއާއި ގުޅިގެން އީރާނުން ތަހުގީގުތައް ހިންގަމުންދާނީ ހާއްސަ ކޯޓަކުން ކަމަށެވެ. މިއީ އާދައިގެ ކޭހެއް ނޫންކަމަށާ، ކޯޓުގައި މައްސަލަ ހިނގަމުންދާ މަންޒަރު، މުޅި ދުނިޔެވެސް ބަލަމުންދާނެ ކަމަށް ރޫހާނީ ވިދާޅުވިއެވެ.

މި ހިތާމަވެރި ހާދިސާގެ އިލްޒާމު، ވަކި ފަރުދެއްގެ ބޮލުގައި އަޅުވައިގެން ނުވާނެ ކަމަށްވެސް ރޫހާނީ ވަނީ ވިދާޅުވެފައެވެ. އިލްޒާމު އަޅުވަންވީ މިސައިލް ދޫކޮށްލި މީހާގެ ބޮލުގައި އެކަނި ނޫންކަމަށާ، އެކަމުގައި ޒިންމާވާންޖެހޭ ކިތަންމެ ބަޔަކު ތިބިކަންވެސް ރޫހާނީ ވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ ބުދަ ދުވަހުގެ ހާދިސާގެ މަންޒަރު ވީޑިއޯކުރި މީހާ ހައްޔަރުކޮށްފައިވަނީ އީރާނުގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ ގޮފި ކަމަށްވާ ރިވަލޫޝަނަރީ ގާޑުންނެވެ. ކަންމިހެން އޮތްއިރު މި ވީޑިއޯ އެންމެ ފުރަތަމަ ޕޯސްޓްކޮށްފައިވާ ނޫސްވެރިޔާ ވަނީ، އޭނާގެ މަސްދަރު ސަލާމަތުން ހުރި ކަމަށާ، އީރާނުގެ އަސްކަރިއްޔާއިން ހައްޔަރުކޮށްފައިވަނީ 'ނުބައި' މީހެއް ކަމަށް ބުނެފައެވެ. އެންމެ ފުރަތަމަ މި ވީޑިއޯ ޕޯސްޓްކޮށްފައިވަނީ ލަންޑަންގައި ހުންނަ އީރާނުގެ ނޫސްވެރިއެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ރިވަލޫޝަނަރީ ގާޑުން އަނެއްކާވެސް އެދަނީ އިތުރު 'ދޮގުތަކެއް' ކައްކަމުން ކަމަށްވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ.

ސެކިއުރިޓީ ކެމެރާތަކަކަށް އަރާފައިވާ މަންޒަރުތަކަކާ ހަވާލާދީ، އެމެރިކާގެ ނިއު ޔޯކް ޓައިމްސްއިންވަނީ ފްލައިޓް ޕީއެސް752 އަށް 2 މިސައިލެއް އަމާޒުވިކަމަށްވެސް ރިޕޯޓްކޮށްފައެވެ.