ގަވައިދާ ހިލާފަށް އިންޑިއާގައި ދިރިއުޅެމުންދާ މީހުންގެ ތެރެއިން، އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ގެނައި އިސްލާހް (ސީއޭއޭ)ގެ ދަށުން ރަށްވެހިކަމަށް އެދި ހުށަހެޅުމަށް ކުފޫ ހަމަވާ މީހުން ހޯދުމުގެ އަމަލީ މަސައްކަތްތައް، އިންޑިއާގެ އެންމެ ބައިބޯ އުއްތަރަ ޕްރަދޭޝް (ޔޫޕީ) ސްޓޭޓްގައި ފަށައިފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓޭޓް މިނިސްޓަރު ޝިރުކާންތް ޝަރުމާ ވިދާޅުވީ، ޔޫޕީގެ 80 ޑިސްޓްރިކްޓްގެ ތެރެއިން 21 ޑިސްޓްރިކްޓްއަކުން، މި އުސޫލަށް ފެތޭ 32000 މީހަކު މިހާތަނަށް ދެނެގަނެވިފައިވާކަމަށެވެ.

އިންޑިއާގެ ރަށްވެހިކަމަށް ގާނޫނަށް ގެނައި އިސްލާހަކީ އަފްގާނިސްތާނު، ބަންގްލަދޭޝް އަދި ޕާކިސްތާނުގައި ނުހައްގުން އަނިޔާ ލިބޭކަމަށް ބުނެ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން އިންޑިއާއަށް ހިޖުރަކޮށްފައިވާ ޣައިރު މުސްލިމުންނަށް އިންޑިއާގެ ރަށްވެހިކަމަށް އެދި ހުށަހަޅުމަށް ފުރުސަތު ފަހިކުރާ ގޮތަށް ގާނޫނަށް ގެނައި ބަދަލެކެވެ.

ސީއޭއޭއާއި ދެކޮޅަށް އިންޑިއާގެ އެކި ހިސާބުތަކުގައި ހޫނުގަދަ މުޒާހަރާތަކެއް ކުރިއަށްދާއިރު، ޔޫޕީއިން އެކަނިވެސް 30 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.