އީރާނު އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ގޮފި ކަމަށްވާ އީރާނިއަން ރިވަލޫޝަނަރީ ގާޑުންގެ ތެރޭގައިވެސް ހިމެނޭ އެންމެ ނުފޫޒުގަދަ ގުދުސް ފޯސްގެ ކޮމާންޑަރު، ޖެނެރަލް ގާސިމް ސުލައިމާނީ މަރާލާފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ބަނޑާރަ ނައިބު ވިލިއަމް ބާރް ވިދާޅުވީ، ޖެނެރަލް ސުލައިމާނީ މަރާލުމުގެ ގާނޫނީ ހައްގު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ލިބިވަޑައިގަންނަވާކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އަދި ޖެނެރަލް ސުލައިމާނީއަށް ހަމަލާ ދިނުމުގެ ކުރިން، އެކަމާ ގުޅޭ މަޝްވަރާތައް، އެމެރިކާގެ އަދުލު އިންސާފާ ބެހޭ ވުޒާރާއާއިއެކު ޓްރަމްޕް ކުރިއަށް ގެންދެވި ކަމަށްވެސް ބާރްވަނީ ވިދާޅުވެފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އެމެރިކާގެ ބަންޑާރަ ނައިބު ވިދާޅުވީ އަސްކަރީ ޓާގެޓަކަށް ސުލައިމާނީ ހަދާފައިވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާ، އެކަން ކޮށްފައިވަނީ ގާނޫނުން ލިއްބައިދޭ އަމިއްލަ-ނަފުސު ދިފާއުކުރުމުގެ ހައްގުގެ ތެރެއިން ކަމަށެވެ.

އިތުރު ތަފްސީލީ ހެކިތަކެއް ދެއްކެވުމަކާ ނުލާ ބާރް ވިދާޅުވީ، ޖެނެރަލް ސުލައިމާނީ މަރާލިއިރު، އެމެރިކާއާއި އެމެރިކާގެ ރައްޔިތުންނާ، އެމެރިކާގެ ބައިވެރިންނަށް އަމާޒުކޮށް އީރާނުން ނުރައްކާތެރި ހަމަލާތަކެއް ދޭން ފަށާފައިވާކަމަށާ، އީރާނުން އަމާޒު ހިފާފައި އޮތީ މެދުއިރުމަތިން އެމެރިކާ 'ފައްސާލުމަށް' ކަމަށެވެ.

އިރާގުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް އަމާޒުކޮށް އެމެރިކާއިން ވައިގެ މަގުން ހަމަލާދީ، ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ޖެނެރަލް ސުލައިމާނީ މަރާލާފައިވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ކޮންގްރެސްގެ ރުހުމާ ނުލާ ކަމަށްވާއިރު، އެމެރިކާގެ ނަމުގައި ބަޔަކާ ދެކޮޅަށް ހަނގުރާމައެއް އިއުލާންކޮށް ހަމަލާދޭން ފެށުމުގެ އިޒުނަ ދިނުމުގެ ބާރު އޮންނަނީ ކޮންގްރެސްއަށްކަން ފާހަގަކުރަންޖެހެއެވެ. ރުހުން ނުހޯދާ، ޓްރަމްޕްގެ އޯޑަރަކަށް ހަމަލާދީ ޖެނެރަލް ސުލައިމާނީ މަރާލިއިރު، އެ ހަމަލާގެ ވާހަކަ ކޮންގްރެސްއަށް އަންގާފައިވެސް ނުވާކަމަށް ޚަބަރު ލިބެއެވެ.