ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހުނުކޮށް އެންމެ ކުޑަ އުޖޫރައާ ސާވިސް ޗާޖާއީ ވަޒީފާ ހޯދާ ފަރާތަކަށް ދޭން ބުނި އިނާޔަތުގެ ގާނޫނު އެކުލަވާލައި ފާސްކުރިނަމަ އެކަން ކޯޓުން ބާތިލް ކުރާނެ ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހއ. ދިއްދޫގައި މިރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ ވެރިކަން ބަދަލުވުމުގެ އެންމެ ބޮޑު ސިއްރަކީ ރާއްޖޭގައި އިންސާފު ގެއްލިގެން ދިޔުން ކަމަށެވެ. އަދި ރާއްޖޭގެ ފަނޑިޔާރު ގެއިން ދިޔައީ ގާނޫނުތަކާއި އެހެން ކަންކަންވެސް އޭރު ކުރަމުން ކަމަށެވެ.
ރާއްޖޭގެ ރައްޔިތުން ކެނޑިނޭޅި ގޮވަމުން، އާދޭސް ކުރަމުން ދިޔައީ އިންސާފު ގެނެސްދިނުމަށް ކަމަށާއި ރައްޔިތުން ސަރުކާރު ބަދަލު ކުރީ އެކަމަށްޓަކައި ކަމަށެވެ. އެޖެންޑާ 19 އިން ވައުދުވީ ޝަރުއީ ނިޒާމް އިސްލާހު ކުރާނީ މަޖިލީހުގެ ތެރެއިން ކަމަށެވެ. އެއީ ރާއްޖޭގެ ގާނޫނު އަސާސީގައި ވާގޮތް ކަމަށެވެ. އެމަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮށް ނިމިއްޖެ ކަމަށާއި އެވައުދު ފުއްދިއްޖެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ވައުދުވިން އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާދޭނެ ކަމަށް، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ވައުދުވިން ވަޒީފާއެއް ހޯދާ ރައްޔިތަކަށް އިނާޔަތެއް ދޭނަމޭ، އަޅުގަނޑުމެން ބުނަމުން ގެންދިޔައިން ރިސޯޓް ފަހަރުގައި މަސައްކަތް ކުރާ ކުދިންނަށް އެމީހެންގެ ސާވިސް ޗާޖާއި ޓިޕްސް އެއޮންނަ ގަވާއިދުން ލިބެމުންދާން ޖެހޭނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.
"މި ވައުދުތައް ފުއްދުމަށް ފުރަތަމަ އަޅަންޖެހޭ ތަރަހައެއް އެބަވޭ، އަޅަންޖެހޭ ބިންގަލެއް އެބަވޭ، އެއީ ޝަރުއީ ނިޒާމް، އެއީ ކޯޓްތައް، އެކަން އަޅުގަނޑުމެން ނުކޮށް މިކަމުގެ ތެރެއަށް އަޅުގަނޑުމެން ދިޔަނަމަ އަޅުގަނޑުމެން ހަދާ ގާނޫނު އޭގެ އަނެއް ދުވަހުން ބާތިލް ކުރާނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެކަންކަމުގެ ސަބަބުން މަޖުބޫރުވީ ފުރަތަމަ ކުރަންޖެހޭ ކަންކަން ފުރަތަމަ ކުރުމަށް ކަމަށެވެ. އަދި އަބަދުވެސް ބުނަމުން ގެންދާ އެއް ވާހަކައަކީ ވަކި ހާއްސަ ކަންތައްތަކެއް ވަކި ހާއްސަ ގަޑިތަކެއްގައި ކުރުމަކީ ތަރައްގީ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ސާފުވެފައި އޮތް ހަގީގަތަކީ އެމްޑީޕީއަކީ އިންތިހާބާ ދިމާކޮށް ރައްޔިތުން ވާ ވައްދަށް ރަށްރަށަށް އަންނަ ބައެއް ނޫން ކަމަށެވެ. އެއީ މިރާއްޖޭގެ ރައްޔިތުންނަށް އެނގޭ ވަރަށް ރަނގަޅު ހަގީގަތެއް ކަމަށެވެ.
"އަޅުގަނޑު މިރަށަށް އަންނަނީ އިންތިހާބާ ދިމާކޮށެއް ނޫން، ދިއްދޫ ރައްޔިތުންނަށް އެކަން ވަރަށް ރަނގަޅަށް ސާފުވާނެ، މުޅި މި ތިލަދުންމަތީ ރައްޔިތުންނަށްވެސް މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް އެކަން ސާފުވާނެ، އަޅުގަނޑުމެންނަކީ އަބަދުވެސް އެބޭފުޅުންނާއެކުވާ ބައެއް،" ނަޝީދު ވިދާޅުވިއެވެ.
އިންތިހާބެއް އައުމުން އެވަގުތު ނުވަތަ އެފުރުސަތު ބޭނުން ކުރަނީ ވަކި ހާއްސަ ކަމަށާއި ވަކި ވާހަކައެއް ދައްކަން ކަމަށެވެ. އެއީ މި ނިޒާމު ހަމަޖެހިފައި އޮންނަ ގޮތް ކަމަށާއި އެއަށް ކިޔަނީ ޑިމޮކްރަސީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އިންތިހާބު އައީމާ އަޅުގަނޑުމެން ހުށަހަޅާނަން، އަޅުގަނޑުމެން ބަލާނަން ތިބޭފުޅުންގެ ޝަކުވާތައް، ތިބޭފުޅުންގެ ކަންބޮޑުވުންތައް، އެކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް އަޅުގަނޑުމެން ހުށަހަޅާނަން ސިޔާސަތުތަކެއް، އެވާހަކަތައް ދައްކަން އިރާދަ ކުރެއްވިއްޔާ އަބަދުވެސް ދާނަން ރައްޔިތުން ކައިރިއަށް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިމަތި ލެއްވީ ވައުދުތަކަކާއެކު ކަމަށެވެ. އެވައުދުތައް ފުއްދާނެ ކަމާމެދު އެއްވެސް ޝައްކެއްނެތް ކަމަށެވެ. ރަނުން ރަނަށް އެވައުދުތައް ފުއްދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެޖެންޑާ 19 އުފެދިގެން އައީއެވައުދުތައް ފުއްދުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށް ކަމަށެވެ. އެޖެންޑާ 19 ގެ ވައުދުތައްވެސް އެމްޑީޕީން ފުއްދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.