ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވާންޖެހޭނެ އެންމެ ބޮޑު ވައުދަކީ ކައުންސިލަށް ލިބޭ ބޮޑު ބަޖެޓް ރައްޔިތުންގެ ފައިދާއަށް ބޭނުން ކުރުން ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ތިލަދުން މައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ކެލައަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން އެޖެންޑާ 19ގެ ވައުދުތައް ރައްޔިތުންނަށް ސާފުކޮށް ދެމުންދާ ކަމަށެވެ. އަދި އެވައުދުތައް ފުއްދުމުން ގައުމަށާއި އިގްތިސޯދަށް ވެގެންދާނެ ރައްޔިތުންނަށް ކިޔާދެމުން ގެންގޮސްފައިވާ ކަމަށެވެ.

މިއަދު ކެލާއަށް އައިސް މިތިބީ އެޖެންޑާ 19 ރަށަށް ހިފައިގެން ކަމަށެވެ. އަމާޒަކީ ކައުންސިިލް އިންތިހާބް ކާމިޔާބްކޮށް، ފާސްކުރެވުނު ގާނޫނުތައް ކައުންސިލްތައް މެދުވެރިކޮށް ތަންފީޒުކުރުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ގާނޫނުތައް ހެދޭ އެބަ، ނަމަވެސް އެގާނޫނުތަކުގެ ބޭނުން ރަނގަޅަށް ރައްޔިތުންނަށް ނުހިފި މިދަނީ ގާނޫނުތައް ތަންފީޒު ކުރުމުގައި އޮންނަ އިންތިޒާމް އަޅުގަނޑުމެންނަށް ރަނގަޅަށް ތައްޔާރު ނުކުރެވޭތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުމެވަޑައިގެންނެވީ ވައުދުތަކަކާއެކީގައި، އެވައުދުތަކަކީ އެމްޑީޕީގެ ވައުދުތަކެއް، އެވައުދުތައް ފުއްދުމަށްޓަކައި ބޭނުންވާނެ ގާނޫނީ އޮނިގަނޑު ބަޔާން ވެގެން އެއޮތީ އެޖެންޑާ 19ގައި،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކައުންސިލްތަކަށް މިފަހަރު ބޮޑު ބަޖެޓެއް ހަވާލުކުރެވިގެންދާ ކަމަށާއި އަމާޒަކީ ބަޖެޓްގެ ފައިސާއިން ކުރާނޭ ކަންކަން ކަނޑައެޅުން ކަމަށެވެ. އެކަންތައްތަކަކީ ރައްޔިތުންގެ ފައިދާ އާއި މަންފާއަށް ކުރެވޭ ކަންކަމަށްވުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ކައުންސިލް އިންތިހާބްގައި އެމްޑީޕީން ވާންޖެހޭނެ އެންމެ ބޮޑު ވައުދަކީ ކައުންސިލަށް ލިބޭ ބޮޑު ބަޖެޓް ބޭނުން ކުރެވިގެންދާނީ ހަމައެކަނި ރައްޔިތުންގެ ފައިދާއަށްޓަކައޭ، ހަމައެކަނި އާންމުދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށްޓަކައޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މާލޭގައި ތިބި ބަޔަކު މާލޭގައި ތިބެގެން ރަށް ތަރައްގީއެއް ނުކުރެވޭނެ ކަމަށާއި އެއީ އެކަން ވާން އޮތް ގޮތް ނޫން ކަމަށެވެ. މަޖިލިސް މެންބަރުން ވަޒީރުންގެ އަރިހަށް ގޮސް ބުނެކިޔާ އާދޭސްކޮށްގެން ރަށަށް ބޭނުންވާ މިންވަރު ހޯދުމަކީ އެއީ އެންމެ ބުއްދިވެރިގޮތް ނޫން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ތައާރަފު ކުރި ޓެކްސްގެ ނިޒާމާއެކު ދައުލަތުގެ އާމްދަނީ އިތުރުވެ ސަރުކާރުން ރަށްރަށުގައި ހިންގާ އުމްރާނީ މަސައްކަތްތައް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރުތަކުން މަސައްކަތް ކުރެވޭ ވަރު ވެފައިވާ ކަމަށާއި މިއަދު ވިސްނަންވީ ކަމަކީ ރަށްރަށުގައި ހިންގާ މަޝްރޫއުތަކުން ލިބެން އޮތް ފައިސާ އާއި ފައިދާތައް އެ ރަށެއްގައި ހިފެހެއްޓޭނެ ގޮތެއް ހޯދުން ކަމަށެވެ.

"އެމްޑީޕީގެ މި ފަަހަރުގެ ވައުދަކީ ރަށުގެ މަސައްކަތް ކުރަނީ އެ ރަށެއްގެ ރައްޔިތުންނޭ އަދި އެ މަސައްކަތުގެ މަންފާ ހޯދޭނީ އެ ރަށެއްގެ ރައްޔިތުން ކަމުގައި ހެދުން، އެ ޓެންޑަރުގެ އުސޫލުން މަޝްރޫއުތައް ރަށުގައި ހިންގުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ފަސް މިލިއަން ރުފިޔާއާ ހަމައަށް އަގު ހުންނަ މަޝްރޫއުތައް ކައުންސިލާ ހަވާލު ކުރުމަށް ގާނޫނަށް އިސްލާހު ގެނެވިފައިވާ ކަމަށެވެ. އަދި ސަރުކާރުން އެދޭ އެއަށްވުރެ ވެސް ބޮޑެތި މަޝްރޫއުތައް ކައުންސިލްތަކަށް ހަވާލު ކުރެވޭނެ އިންތިޒާމު ފަހިވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.