ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކޮށްގެން ގެންގުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި ހުންނެވީ ވަރަށް ދަތި ހާލުގައި މި ސަރުކާރުގެ އަނިޔާވެރިކަމުގެ ދަށުގައި ކަމަށެވެ. ނުހައްގުން ރައީސް ޔާމީން ޖަލުގައި ނުބަހެއްޓެވުމަށް ގޮވާލައްވަމުން އަދުރޭ ވިދާޅުވީ ކުރިއަށް އިންތިހާބެއް އޮތް ކަމަށާއި، އިންތިހާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި ކުށެއް ނެތް މައުސޫމް މީހަކު އެހާ އަނިޔާވެރި ގޮތެއްގައި ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އަތޮޅުތެރޭގެ ރައްޔިތުންގެ ފަރާތުން އަދުރޭ އެދިވަޑައިގެންފައި ވަނީ އިދިކޮޅު ކޯލިޝަނަށް ކައުންސިލް އިންތިހާބުގައި ކާމިޔާބީ ހޯދައި ދިނުމަށް މަސައްކަތް ކޮށްދިނުމަށެވެ. އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި އަދި ޕީއެންސީގެ ނައިބު ރައީސް، އިބްރާހިމް ޝުޖާއު ހދ އަތޮޅުގައި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. މީގެ އިތުރުން މި މަހުގެ 13 ވަނަ ދުވަހު އިދިކޮޅު ކޯލިޝަނުގެ އިސް މެންބަރުން ހއ، ށ، ބ އަތޮޅަށް ވަޑައިގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް ޔަމީން 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިރު އެކަން އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ކުށްވެރި ކުރަމުންނެވެ. އެގޮތުން އަދުރޭ ވިދާޅުވީ މީގެ ކުރިން ބައެއް ބޭފުޅުންނަށް ވަރަށް ފަސޭހައިން ބެއިލަށް ހުށަހަޅައިގެން ލިބިފައިވާ ކަމަށާއި، ރައީސް އަބްދުﷲ ޔާމީންގެ ބައިލަށް އެދި ހުށަހަޅާފައިވާ ކަމަށާއި އަދިވެސް އެފުރުސަތު ނުލިބޭ ކަމަށެވެ. ހަމައެއާއެކު އިސްތިއުނާފަށް ހުށަހަޅާފައިވީ ނަމަވެސް އަދިވެސް އިސްތިއުނާފަށް ތާވަލްކޮށްފައި ނުވާ ކަމަށާއި ތާވަލް ކުރާނެ ތާރީހެއް ވެސް ނޭނގޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ޖަލުގެ ކަންކަން އިންތިޒާމް ކޮށްފައިވާ ގޮތުން ޖަލުގެ ކަންކަން ވަރަށް އުނދަގޫކޮށް ހިންގަމުން ދާކަން ފާހަގަކުރައްވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން އާންމުކޮށް ބޭނުންކުރާ ސާމާނު ޖަލަށް ވައްދަން ފުރުސަތު ނުދޭ ކަމަށެވެ. ރައީސް ޔާމީނަށް ބޭނުންވާ ސާމާނަކީ އަސާސީ ގޮތުންވެސް މީހަކު ބޭނުންކުރާނެ ސާމާނުކަން އަދުރޭ ފާހަގަކުރެއްވިއެވެ. އަދި އަދުރޭ ވަނީ މިއަދުން މިއަދަށް ވެސް ރައީސް ޔާމީނަށް އިންސާފު ހޯއްދަވާ ދެއްވުމަށް އެދި ގޮވާލައްވާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕީޕީއެމުން ގޮނޑިތަކެއް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުން ދާއިރު އިދިކޮޅު ރަމްޒުކޮށް ވާހަކަ ދައްކަމުން ދާ ޕީޕީއެމްގެ ނައިބު ރައީސް އަދި ކުރީގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލައްވާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.