އީރާނު އަސްކަރިއްޔާގެ އެންމެ އިސް ކޮމާންދަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމަށް އެމެރިކާއިން ދިން ޑްރޯން ހަމަލާއެކު، ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އީރާނާއި އެމެރިކާ މިވަނީ ނިއުކްލިއާ ހަތިޔާރުގެ ބިރުވެރިކަމާވެސް ކުރިމަތިލާންޖެހިދާނެ ވަރުގެ ހަނގުރާމައެއްގެ ތަންފަތް މައްޗަށް ވެއްޓިފައެވެ. ޖެނެރަލް ސުލައިމާނީގެ މަރުގެ ބަދަލަށް އީރާނުން އެމެރިކާގެ އަސްކަރިއްޔާއަށް ހަމަލާދީފައިވާއިރު، މި ނުތަނަވަސްކަމުން އެންމެ ބޮޑު ނޭދެވެ އަސަރެއް ކުރަމުންދާ އެއް ގައުމަކީ، ދިވެހިންވެސް އެގައުމެއްގެ އިގުތިސޯދުގެ މައްޗަށް އިންތިހާއަށް ބަރޯސާވެފައިވާ، އަވަށްޓެރި އިންޑިއާއެވެ.

އެމެރިކާ އަދި އީރާނަކީވެސް އިންޑިއާގެ ވިޔަފާރީގެ މައިދާނަށް މުހިންމު 2 ބައިވެރިންނެވެ. 2018-2019 ވަނަ އަހަރާ ދެމެދު އިންޑިއާއިން އީރާނަށް އެކްސްޕޯޓްކުރި މުދަލުގެ އަގު 3.5 ބިލިއަން ޑޮލަރަށް އަރާއިރު، އީރާނުން އިންޑިއާއަށް އެތެރެކުރާ މުދަލުގެ އަގު 13.5 ބިލިއަން ޑޮލަރަށް އަރައެވެ. އީރާނުން އިންޑިއާއަށް އިމްޕޯޓްކުރާ މުދަލުގެ ބޮޑު ބައި ހިއްސާކުރަނީ ތެލުގެ ސަޕްލައިއެވެ. އީރާނާ އެމެރިކާގެ ނުތަނަވަސްކަން، ހަނގުރާމައަކަށް ބަދަލުވެދާނެ ކަމުގެ ފުރަތަމަ އިޝާރާތާއެކު، އިންޑިއާގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް އުފުލިގެންދިޔައެވެ.

ބައިނަލްއަގުވާމީ ފެންވަރެއްގައި ވިޔަފާރިއާއި އިގުތިސޯދީ އަދި މާލީ ތަފާސް ހިސާބުތަކާ ދިރާސާތައް ކުރުމުގައި ކުރި ހޯދާފައިވާ އިންޑިއާގެ ކުންފުނި ކްރައިސިލްގެ ޗީފް އިކޮނޮމިސްޓް، ޑީކީ ޖޯޝީ ވިދާޅުވާ ގޮތުގައި އިންޑިއާގެ އިގުތިސޯދަށް ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވެއެވެ. އިގުތިސޯދީ ކުރިއެރުމުގެ ދުވެލި މަޑުޖެހިފައިވާއިރު، ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަދަ ދަނޑިވަޅެއްގައި ތެލުގެ އަގު އުފުލިއްޖެނަމަ، ޕްރެޝަރު އިތުރަށް ބޮޑުވެގެންދާނެ ކަމަށާ، ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް އަރައިފިނަމަ، އިންޑިއާގެ އިގުތިސޯދު 'ސުންނާފަތި' ވާނެ ކަމަށްވެސް ޖޯޝީ ވަނީ ވިދާޅުވެފައެވެ.

އިގުތިސޯދީ ހޯދުންތައް ދައްކާ ގޮތުގައި، ތެޔޮ ފީފާއަކުން އުފުލޭ ކޮންމެ 10 ޑޮލަރަކަށް، ގައުމީ އިގުތިސޯދީ އުފެއްދުންތެރިކަން (ޖީޑީޕީ)އިން 30 ޕޮއިންޓް އުނިވެއެވެ. އިންޑިއާގެ ގަނެވިއްކުވުމުގެ ވިޔަފާރީގެ ދަރަނި މިވަގުތު ކޮންޓްރޯލް ވެފައި އޮތް ނަމަވެސް، ތެލުގެ އަގުތައް އުފުލެމުންދާނަމަ އިންޑިއާގެ އިގުތިސޯދަށް ބޮޑެތި ސްޓްރެސްތަކެއް ކުރިމަތިވާނެއެވެ.

އިންޑިއާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޕަބްލިކް އެންޑް ފައިނޭންސް ޕޮލިސީގެ ޕްރޮފެސަރެއް ކަމަށްވާ އެން.އާރް ބާނޫމުރުތީ ވިދާޅުވީ، މާޒީއަށް ބަލާއިރު މިފަދަ ޝޮކްތަކެއް އިންޑިއާގެ އިގުތިސޯދަށް ހަޖަމުކުރެވިފައި ވީ ނަމަވެސް، މިފަހަރުގެ އަސަރު ސީދާ ގޮތުން ކުރާނީ އިންޑިއާގެ އިގުތިސޯދަށެވެ.

އިންޑިއާގެ އިގުތިސޯދަށް އަންނަ މިފަދަ ލޮޅުންތަކަކީ އެކަމުގެ ނުސީދާ އަސަރުތައް ދިވެހިރާއްޖެއަށް ފޯރުމުގެ ފުރުސަތު ބޮޑު ލޮޅުންތަކެކެވެ.