ރާއްޖޭގެ ޖަލުތަކުގެ ކަންކަން ބޮއްސުންލާފައިވާ ކަމަށާއި ޖަލުތަކުގައި ހަމަނުޖެހުން ހިނގަމުންދާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހަނުހުންނަވާތީ ކަންބޮޑުވާ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ޖަލުތަކުގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭގޮތުން ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވާ، ޖަލުތަކުގެ ހާލަތާ ބެހޭގޮތުން އޮޅުލާވާފައިވާ ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ހޯމް މިނިސްޓަރު އިމާރާން އަބްދުﷲ އާއި މުނާޒް ޖަލުތަކުގެ ކަންކަން އިސްލާހުކުރުމުގައި ފެއިލް ވެފައިވާތީ ވަގުތުން ވަގުތަށް އިސްތިއުފާ ދިނުމަށް އަނެއްކާވެސް ތަކުރާރު ކޮށް ގޮވާލާ ކަމަށެވެ.
"ޖަލުތަކުގެ ކަންތައްތައް ގޯހުން ގޯހަށް ގޮސް، ޖަލުގެ ކަންކަން ނުބެލެހެއްޓި ބޮއްސުންލާފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިކަމާ އެއްވެސް އެއްޗެއް ވިދާޅުނުވެ ހަނުހުންނަވާތީ ކަންބޮޑުވުން ފާޅުކުރަން، ހާއްސަކޮށް މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ސަލާމަތާ ރައްކާތެރިކަޅާމެދު ކަންބޮޑުވަން،" ބަޔާނުގައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ޖަލުތަކުގެ ހާލަތާ ގުޅޭގޮތުން އެކި މުއައްސަސާތަކުން ދައްކަމުންދާ ވާހަކަތަކުގައި ދެކޮޅު ނުޖެހޭ އެތައް ކަމެއް ހުރިކަން ފާހަގަވެފައިވާ ކަމަށާއި ހަގީގަތް ފޮރުވައި އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިކަމަކީ ހެޔޮވެރިކަން ކުރަންއައި ސަރުކާރަކުން އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން، އަނިޔާވެރިކަމާ ދެކޮޅު އެކި ކަހަލަ ޝިއާރު ބޭނުންކޮށްގެން ވެރިކަމަށް އައިސް މިފަދަ އަމަލުތައް ހިންގުމަކީ މިސަރުކާރުގެ އެއްވެސް ކަހަލަ އިހުލާސްތެރިކަމެއް، ތެދުވެރިކަމެއް ނެތްކަމާއި، މިއީ ކަނޑައެޅިގެން އަނިޔާވެރިވުން،" ބަޔާނުގައިވެއެވެ.
ޖަލުތަކާބެހޭ ސައްހަ މަޢުލޫމާތު ހާމަކުރުމަށާއި ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާ ކަމަށެވެ. އަދި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ޖަލުތަކުގެ ކަންކަން އިސްލާހުކޮށް ގައިދީންނާމެދު އަމަލުކުރުމަށްވެސް އިދިިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.