ބަންދުގައި މީހުން ބޭތިއްބުމާއި ރިހެބިލިޓޭޓް ކުރުމަށް މިދިޔަ އަހަރު 400 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާނެ ކަމަށް ބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެއެވެ.

ޕޮލިހުންނަށް ހިންގުނު 31 ވަނަ ރެކްރޫޓް ޓްރޭނިން ކޯހުގެ ނިންމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރިކޮށްދެއްވައި އަމީރު ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ގަދަރުވެރި އަގުބޮޑު ހިދުމަތެއް ކަމަށެވެ. އަދި 2004 ވަނަ އަހަރު ސިފައިންނާއި ފުލުހުންގެ ވަކި މުއައްސަސާތަކެއްގެ ގޮތުގައި ބަދަލުކުރެވުނު ފަހުން ފުލުހުންގެ ހިދުމަތަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

ނަމަވެސް މިދިޔަ އަހަރުގެ ކްރައިމް ސްޓެޓްސް ތަކަށް ބަލާއިރު ވައްކަމާއި ގެވެށި އަނިޔާއާ މަގުމަތީގެ އެކްސިޑެންޓްތަކާއި ޖިންސީ ފުރައްސާރާއާ މަސްތުވާތަކެއްޗާއި އެހެނިހެން ކުށްތަކުގެ 13،800 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ރަނގަޅު ދިރާސާއެއް ކޮށްފިނަމައެ ކުށްތަކުގެ އިގްތިސޯދީ ގެއްލުން 100 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"2019 ވަނަ އަހަރު ބަންދުގައި މީހުން ބޭތިއްބުމާއި ރިހިބިލިޓޭޓް ކުރުމަށް 400 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ، މިއީ އަޅުގަނޑުމެން ކަހަލަ ކުޑަ ވަސީލަތްމަދު ގައުމަކަށް ނެގޭނެ ބުރައެއް ނޫން، ފުލުހުންގެ ރޯލް މުހިއްމު ވަނީ މި ކަންތައް ހޯދުމުގެ އިތުރަށް މިކަންތައްތައް ހުއްޓުވޭނެ މެކޭނިޒަމް ވެސް ހޯދަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އާއިލާއާ ދުރުގައި ފުލުހުންގެ ހިދުމަތުން ތަމްރީން ވުމަށްޓަކައިވި އަގުބޮޑު ގުރުބާނީ މާދަމާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީ މުއައްސަސާގެ އަގުހިފެހެއްޓުމަކީ ފުލުހުންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ފުލުހުންނަށް ހިންގާ ކޯހުގައި ކިޔަވާދޭ ބައިތަކުގެ ތެރެއިން ވަރަށް ޝައުގުވެރިވި ބައެއް ފާހަގަ ކުރެވުނު ކަމަށެވެ. އެއީ ފުލުހުންނަށް ރައްޔިތުން ކުރާއިތުބާރާއި ޔަގީންކަން ދެމެހެއްޓެނިވި ޝަހްސިއްޔަތުތަކެއް ބިނާ ކުރުމަށް ބޭނުންވާ އެންމެހާބައިތައް ކަމަށެވެ.

"އެބައި ފުލުހުންނަށް މުހިއްމު ވަނީ ވަރަށް ގިނަ ސަބަބުތަކެއް ހުރެގެން، ދައުލަތުގެ އެހެން ހުރިހާ މުއައްސަސާތަކަށްވުރެ ތި ބޭފުޅުންނާ އާއްމު ރައްޔިތުންނާ އޮންނަންޖެހޭ ގުޅުން ބޮޑު ކުރަން ޖެހޭ، އިތުބާރުވެސް ބޮޑު، އަޅުގަނޑު އެންމެ ބޮޑަށް މިރޭ، މި ހަފްލާގައި ފާހަގަކޮއްލަން ބޭނުންވާ ނުކުތާއަކީ، ގައުމެއްގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމި އޮތުމުގައި ފުލުހުންގެ މުހިއްމު ދައުރު، ގައުމަކީ އަމާން ގައުމެއްގެ ގޮތުގައި ދިވެހި ދަރީންގެ އިތުރުން ބޭރުގެ ފަރާތްތަކަށްވެސް ދައްކުވާދެވޭނީ ތިޔަ ބޭފުޅުން ބުރަ މަސައްކަތްތަކެއް ކުރައްވައިގެން،" އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ދުނިޔޭގެ ކޮންމެ ގައުމެއްވެސް ހަމަޖެހުމާއި ފާގަތިކަމާއި އެކު ކުރިއަރައި ދިޔުމަށް އެންމެ ބޭނުންވާ ބަހާއަކީ އެތަނެއްގެ އަމާންކަމާއި އެ ގައުމުގެ ރައްޔިތުންނާއި ބޭރުން ޒިޔާރަތް ކުރާ މީހުން އެ ގައުމުގައި ރައްކާތެރިކަން ވަޒަންކުރާ މިންވަރު ކަމަށެވެ.

"އިކޮނޮމިކް ޑިވެލޮޕްމެންޓާއި އިގްތިސާދު ކުރިއަރުވަން، އިފެކްޓިވް އަދި ޑިމޮކްރެޓިކް ފުލުހުންގެ ހިދުމަތަކީ ކޮންމެހެން ބޭނުންވާ ކަމެއް، ރިސާޗް ދައްކަނީ އޯގަނައިޒްޑް ކްރައިމް، ކޮރަޕްޝަން އިގްތިސާދީކުރި އެރުމަށް ހުރަސްއަޅާކަން، ދުނިޔޭގެ ގައުމުތަކަށް ބަލާލި ކަމުގައިވިޔަސް، ކޮރަޕްޝަނާއި އޯގަނައިޒްޑް ކްރައިމް ވަރަށް ބޮޑަށް ފެތުރިފައިވާނަމަ އެ ގައުމުތައް އިގްތިސާދީ ގޮތުން ކުރި އެރުން ވަރަށް ލަސް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރަގަޅު އިގްތިސާދެއް ބިނާ ކުރެވޭނީ އިޖްތިމާއީ ހަމަހަމަކަމާއި އެކައުންޓަބަލް އަދި ޑިމޮކްރެޓިކް ސިޔާސީ ހަރަކާތް ހިންގުމުގެ މިނިވަންކަމާއި ރޫލް އޮފް ލޯއާ ސިޔާސީ ހަމަޖެހުމާއި އަދި ގުޑް ގަވަނަންސް އޮވެގެން ކަމަށެވެ. މިކަންތައްތައް މުހިއްމު ވަނީ ބޭރުގެ އިންވެސްޓްމެންޓް ގެންނަން ކަމަށާއި އެކަންކަން ނެތްނަމަ އެ ތަނަކަށް އިންވެސްޓް ކުރާނެ ބޭރުގެ އިންވެސްޓަރުންނެއް ނުތިބޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ