އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 2012 ވަނަ އަހަރު ދަރިވަރަކު ރޭޕްކޮށް މުޅި ދުނިޔެ ސިއްސުވާލީ 'ދިއްލީ ގޭންގް-ރޭޕް' މައްސަލާގައި ދައުވާ ލިބޭ 4 މީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރާނެ ތާރީހު އިއުލާންކޮށްފިއެވެ.

އަކްޝޭ ޓާކޫރު، ވިނޭ ޝަރުމާ، ޕަވާން ގުޕްތާ އަދި މުކޭޝް ސިންހްގެ މައްޗަށް، އަވަސް ނިޔާ ކޯޓަކުން މަރުގެ ހުކުމް އިއްވީ 2013 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް އެމީހުން ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ.

ދުއްވާފައި ދިޔަ ބަހެއްގެ ތެރޭގައި މަރާމާރީ ހިންގާ، ޖިސްމާނީ ގޮތުން ގެއްލުން ދެނިވި ހަމަލާތަކެއް ދިނުމަށް ޖިންސީ ގޯނާކޮށް، ގުރޫޕަކުން ރޭޕްކުރި 23 އަހަރުގެ ދަރިވަރު މަރުވީ، އެ ވޭނުގައި 13 ދުވަހު ކްރިޓިކަލް ހާލެއްގައި އޮތުމަށްފަހުގައެވެ.

އިންޑިއާގެ ގާނޫނު ބުނާ ގޮތުން އެ އަންހެން ކުއްޖާގެ ނަން ހާމަ ނުކުރެވޭއިރު، މީޑިއާއިން އެ ޒުވާނާއާއި މުހާތަބު ކުރަނީ 'ނިރްބާޔާ' ނުވަތަ 'ބިރުކުޑަ ޒުވާނާ'ގެ ގޮތުގައެވެ.

މި ރޭޕްއާއި ގުޅިގެން 6 ފިރިހެނަކު ހައްޔަރުކުރިއެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ވަނީ 2013 ވަނަ އަހަރުގެ މާޗްމަހު، ޖަލުގައި އަމިއްލައަށް މަރުވެފައެވެ. ދެން ހުރީ ކުށްކުރިއިރު 18 ނުފުރޭ ފިރިހެނެއްކަމުން، ގާނޫނުގެ ދަށުން އޭނާއަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ކަމަށްވާ 3 އަހަރުގެ ރިފޯމް ފެސިލީޓީ ބަންދުގައި ހުކުމް ތަންފީޒު ކުރުމަށްފަހު އޭނާ ވަނީ މިނިވަންވެފައެވެ.

ކަންމިހެން އޮތްއިރު، މަރުގެ ހުކުމް އިއްވާފައިވާ 4 ފިރިހެނުންގެ ވަކީލުން ދަނީ އެންމެ ފަހު ވަގުތު ކުރިމަތިކުރެވެން ހުރި ގާނޫނީ ގޮންޖެހުންތައް ކުރިމަތިކޮށް، ހުކުމް ތަންފީޒު ކުރުމަށް ހުރަސްތައް ކުރިމަތިކުރުމަށް ތައްޔާރުވަމުންނެވެ.

އިންޑިއާގެ ގާނޫނު އަސާސީ ބުނާ ގޮތުން ހުކުމް ތަންފީޒު ނުކޮށް، ސަލާމަތް ހޯދިދާނެ 2 މަގެއް އެބައޮތެވެ. އެއީ ސުޕްރީމް ކޯޓުން އިސްތިއުނާފު ހޯދުމާ، ގައުމުގެ ރައީސްގެ ކިބައިން އަފޫއާންމުގެ މައާފު ހޯދުމެވެ. މިއިން އެއްވެސް ކަމަކަށް އަދި ވަކީލުންގެ ޓީމުން ހުށަހަޅާފައެއް ނުވެއެވެ. އެކަން ލަސްކުރަނީވެސް މަރުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ކަމަށް ބުނެވެއެވެ.

2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ހިނގި އެ ހާދިސާއާ ގުޅިގެން ވަރުގަދަ މުޒާހަރާތަކެއް ކުރިއަށް ދިޔައިރު މުޅި ދުނިޔޭގެ ސަމާލުކަން އެ ހާދިސާއަށް ހުއްޓުނެވެ. އަދި އެކި ފަރާތްތަކުން ކުރިމަތިކުރަމުންދިޔަ ފިއްތުންތަކާއެކު، ރޭޕްކުރުމާ ދެކޮޅަށް އިންޑިއާގައި އާ ގާނޫނުތަކެއްވެސް ފާސްކުރުމަށް މަޖުބޫރުވެސްވިއެވެ.

އިންޑިއާގެ ތާރީހަށް ބަލާއިރު މަރުގެ ހުކުމް ތަންފީޒު ކުރާތީ ފެނިފައިވަނީ މަދު ފަހަރަކުއެވެ. 2004 ވަނަ އަހަރަށްފަހު އެގައުމުގައި މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެންމެ ފަހުން މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ 1993 ވަނަ އަހަރު މުމްބާއީއަށް ދިން ބޮމުގެ ހަމަލާތަކުގައި ދައުވާ ލިބުނު ޔައުގޫބު މައިމޫންގެ މައްޗަށެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.