ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ކަނޑައެޅުން އަންނަ ހަފުތާގައި އެ ސިޓީގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

ކޮމިޝަނުން މިއަދު ބުނީ ކުޅުދުއްފުށީ ސިޓީގެ އިންތިހާބީ ދާއިރާތައް އިއުލާނު ކުރުމާއި އަންހެން މެންބަރުން އިންތިހާބު ކުރާނެ ދާއިރާތައް ކަނޑައެޅުމަށް ބާއްވާ ގުރު ނެގުން އަންނަ ހަފުތާގައި އޮންނާނެ ކަމަށެވެ. ގުރު ނެގުން ބާއްވަނީ ކުޅުދުއްފުށި ސިޓީގައި ކަމަށްވެސް އީސީން ބުނެއެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީއަކަށް މެންބަރުން އިންތިހާބު ކުރާއިރު އައްޑޫ ސިޓީއާ ފުވައްމުލަށް ސިޓީ އަދި މާލެ ސިޓީގެ ދާއިރާތަކާއި އަންހެނުންނަށް ހާއްސަ ގޮނޑިތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅާފައެވެ.

ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައި ވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކޮށްފައި ވަނީ އެރަށުގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދު، 10،000 މީހުން ހަމަވުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އަދި އަހުމަދު އަކްރަމް މީގެ ކުރިން ވިދާޅުވެފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލަށް ހަތް މެންބަރުން އިންތިހާބުކުރާނެ ކަމަށެވެ. އެއީ އެއް މޭޔަރާއި ހަ ކައުންސިލަރުންނެވެ. އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއް އަންހެނުންނަށް ހާއްސަ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.