ފީއަކާ ނުލައި އޮން-އަރައިވަލް ވިސާ ދޫކުރުމަށް މިހާރުވެސް ކަނޑައަޅާފައިވާ 48 ގައުމަކަށް، މިއަހަރުގެ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އިތުރުކޮށްފައި ބާއްވައިދިނުމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ނިންމައިފިއެވެ.
ސްރީލަންކާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޕްރަސަންނާ ރަނަތުންގާ ވިދާޅުވީ، މި ފިޔަވަޅަކީ، މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ސްރީލަންކާއަށް އަމާޒުކޮށް ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އިނދަޖެހިފައިވާ ފަތުރުވެރިކަމުގެ ސިނާއަތް ނެގެހެއްޓުމަށް އެގައުމުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅީ ފިޔަވަޅެއް ކަމަށެވެ.
258 މީހުންގެ ފުރާޏަ ގެއްލިދިޔަ ޓެރަރިސްޓް ހަމަލާއަށްފަހު 39 ގައުމަކަށް އޮން-އަރައިވަލް ވިސާ ދޫކުރުން ސްރީލަންކާއިން ހުއްޓާލިއެވެ. ނަމަވެސް ޖުލައި މަހުގެ ތެރޭގައި ސްރީލަންކާއިންވަނީ އޮން-އަރައިވަލް ވިސާ ދޫކުރާ ގައުމުތުގެ ލިސްޓަށް 2 ގައުމެއް އިތުރުކޮށްފައެވެ. އެއީ އިންޑިއާއި ޗައިނާއެވެ.
ދެކުނު އޭޝިއާގެ ސަރަހައްދުން ލިސްޓުގައި ނުހިމެނޭ ގައުމަކުން ސްރީލަންކާއަށް ދާ ފަރާތްތަކުން 20 ޑޮލަރުގެ ފީއެއް އަދި އެނޫން ހިސާބުތަކުންދާ ފަރާތްތަކުން 35 ޑޮލަރުގެ ވިސާ ފީއެއް ދައްކަންޖެހެއެވެ.
ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އައި ސްރީލަންކާއަށް އަމާޒުވި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެ ގައުމުގެ އެކި ސިނާއަތްތަކަށް އެކަމުގެ ނޭދެވޭ އަސަރުކޮށް، ދަތުރުފަތުރުގެ ސިނާއަތް 70 ޕަސެންޓް ދަށަށް ދިޔައެވެ.