އޮސްޓްރޭލިއާގެ އެކި ހިސާބުތައް މިހާރު ވަރުގަދައަށް ރޯވެ އަނދަމުންދާ ދިއުމާ، ދުނިޔޭގެ މޫސުން ހޫނުވަމުން ދާ ދިއުމާ މެދު ގުޅުމެއް އޮތް ކަމަށް ގަބޫލުކުރަން އިންކާރު ކުރާ މީހަކީ ބުއްދި ފިލާ ގޮސްފައިވާ މީހެއް ކަމަށް، މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރެއްގައި ވަކާލާތު ކުރައްވަމުން ގެންދަވާ ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިކަން ބަޔާންކުރައްވާ، ރޭ ދަންވަރުގެ ވަގުތެއްގައި ނަޝީދު ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވީ، ހުރިހާ ގައުމަކުންވެސް ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ދަށް ކުރުމަކީ، މޫސުމީ ބަދަލުތައް ކޮންޓްރޯލްގެ ދަށަށް ގެނައުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

އޮސްޓްރޭލިއާގައި ރޯވެ އަނދަމުންދާ ވަރުގަދަ އަލިފާންގަނޑުތައް ނިއްވުމުގައި ފަޔާމަނުން ހަރަކާތްތެރިވަނީ/ފޮޓޯ: ނިއުސައުތްވޭލްސް ފަޔާއެންޑްރެސްކިއު ސާވިސް

މިކަމަށް އިންކާރު ކުރާ ގައުމަކީ އެނޫން ގައުމުތަކުގެ އިއްތިހާދުން ކުރިއަރާ ދާއިރު، މަޑުޖެހި، ފަހަތުގައި އޮންނާނެ ގައުމެއްގެ ގޮތުގައިވެސް ނަޝީދު ވަނީ ސިފަކުރައްވާފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް އިތުރަށް ވަރުގަދަވެ، އެކި ހިސާބުތަކަށް ފެތުރެމުންދާއިރު، މިހާދިސާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު ވަނީ 23 އަށް އަރާފައެވެ.