އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް އިތުރަށް ވަރުގަދަ ވާން ފަށާފައިވާއިރު، އެގައުމުގެ އަސްކަރިއްޔާގެ ރިޒާވް ފޯސްގެ ތެރެއިން 3000 އެއްހާ މެމްބަރުން ޑިއުޓީއަށް ނެރުމަށް، އެގައުމުގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ނިންމަވައިފިއެވެ.

އޮސްޓްރޭލިއާގެ ދިފާއީ ވަޒީރު ލިންޑާ ރެނާލްޑްސް ވިދާޅުވީ، މިއީ އޮސްޓްރޭލިއާގެ ތާރީހުގައިވެސް މިފަދަ ކަމެއް ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

އިރުދެކުނު އޮސްޓްރޭލިއާގެ އެކި ހިސާބުތަކުގެ ފިނި ހޫނު މިން 40 ޑިގްރީ ސެލްސިއަށްވުރެ މައްޗަށް އަރާފައިވާއިރު، މިއަދަކީ މަސްރަހު އިތުރަށް ނުރައްކާވެދާނެ ދުވަހެއް ކަމުގެ އިންޒާރު، އޮފިޝަލުން ވަނީ ދެއްވާފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮސްޓްރޭލިއާގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތަކާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 23 އަށް އަރާފައެވެ. ގިނަ އަދަދެއްގެ ބަޔަކަށް ވީނުވީ ނޭނގި ގެއްލިފައިވާއިރު، އަލިފާންގަނޑު ފެތުރިގެން ދިއުމާއެކު ހަލާކުވި ގެދޮރުގެ އަދަދު 1500 އަށް އަރާފައިވާކަމަށް ޚަބަރު ލިބެއެވެ.

ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދެމުންދަނީ އޮސްޓްރޭލިއާގެ އަސްކަރީ ބޭސްތަކުގައެވެ.

އޮސްޓްރޭލިއާގައި ރޯވަމުންދާ ވަރުގަދަ އަލިފާންގަނޑުގެ ސަބަބުން ވިކްޓޯރިއާ ސަރަހައްދުގައި ވަނީ ކާރިސާގެ ހާލަތު އިއުލާންކޮށްފައި/ފޮޓޯ: އީޕީއޭ

މިއަދުގެ ހާލަކީ ކޮބާ؟

ވިކްޓޯރިއާ ސަރަހައްދުގައި ރޯވެފައިވާ 3 އަލިފާންގަނޑު ރޭގެ ވަގުތެއްގައި ބޮޑު އެއް އަލިފާންގަނޑަށް ބަދަލުވެފައިވާއިރު، 6000 ހެކްޓަރުގެ ބޮޑުމިނުގެ އަލިފާންގަނޑެއް ވަނީ ރޯވެފައެވެ. ލައްކާއެއްހާ މީހުންގެ އާބާދީއެއް އޮންނަ ވިކްޓޯރިއާގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން އިރުޝާދު ދީފައިވާއިރު، 21 މީހަކު ވަނީ މި ސަރަހައްދުން ގެއްލިފައެވެ.

ވިކްޓޯރިއާގެ ބައެއް ސަރަހައްދުތަކުން ނިކުމެވެން ނެތްކަމުގެ އިންޒާރުވެސް ކަމާބެހޭ ފަރާތްތަކުންވަނީ ދީފައެވެ. ކަންމިހެން އޮތްއިރު، އެ ސަރަހައްދުގެ ބައެއް ހިސާބުތަކުން ފޯނުގެ ހިދުމަތްވެސް މިހާރު ވަނީ މެދުކެނޑިފައެވެ.

ވިކްޓޯރިއާ ސަރަހައްދުގައި މިހާރުވަނީ ކާރިސާގެ ހާލަތު އިއުލާންކޮށްފައެވެ.