ލަންޑަންއާއި ނިއުދިއްލީއަށް ދިން ޓެރަރިސްޓް ހަމަލާތައް ރޭވުމުގެ ފަހަތުގައި ހުރީ، އީރާނުގެ މަރާލާފައިވާ އަސްކަރީ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އަސްކަރީ ހަމަލާއެއްގައި ޖެނެރަލް ސުލައިމާނީ މަރާލުމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރެއްގައި އެމެރިކާއަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުންދާ މި ދަނޑިވަޅުގައި، ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ސުލައިމާނީ 'ޓެރަރިސްޓް' ވެރިކަން މިހާރު ނިމުމަކަށް ގެނެވިފައިވާކަމަށެވެ.

ފްލޮރިޑާގެ ޕާމް ބީޗްގައި ހުންނަވާ، ވާހަކަފުޅުދައްކަވަމުން ޖެނެރަލް ސުލައިމާނީއަށް އަމާޒުކުރައްވާ ބޮޑެތި އިލްޒާމްތަކެއް ބޭރުކުރެއްވި ޓްރަމްޕް، މިކަމާ ބެހޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

ކަންމިހެން އޮތްއިރު، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވަނީ ޓްރަމްޕް ދިފާއު ކުރައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން ޖެނެރަލް ސުލައިމާނީ މަރާލަން ޓްރަމްޕް އަމުކުރުކުރެއްވީ، އެމެރިކާގެ އެތައް ރައްޔިތުންނެއްގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށް ޕޮމްޕޭއޯ ވަނީ ވިދާޅުވެފައެވެ. ޖެނެރަލް ސުލައިމާނީ މަރާލި ވަގުތަކީ، އެމެރިކާގެ އެތައް ސަތޭކަ ބަޔަކަށް އެކަމުން ނޭދެވޭ އަސަރުތަކެއް ކުރާނެ ވަރުގެ، ވަރުގަދަ ހަމަލާއެއް ދިނުމަށް އޭނާ ރާވަމުން ދިޔަ ވަގުތެއް ކަމަށްވެސް ޕޮމްޕޭއޯ ވަނީ ވިދާޅުވެފައެވެ.

އީރާނު އަސްކަރިއްޔާގެ އެންމެ ނުފޫޒު ގަދަ ގޮފި ކަމަށްވާ ގުދުސް ފޯސްއަކީ، އީރާނުން ބޭރުގައި އެގައުމުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކާ މިޝަންތަކުގެ ޒިންމާދާރު ގޮތްޕެވެ. މި ގޮފިން ރިޕޯޓްކުރަމުންދާނީވެސް ސީދާ އީރާނުގެ ރޫހީ ލީޑަރަށް ކަމަށް މައުލޫމާތު ލިބެއެވެ.