އީރާނާ އެމެރިކާގެ ހަތުރުވެރި ގުޅުމަށް އިތުރު ތައާރަފަށް ބޭނުމެއް ނުވާނެއެވެ. މެދުއިރުމަތީގެ ޚަބަރުތަކުގެ ފަލަ ސުރީހީތަކުން އަބަދުމެހެން ފެންނަމުންދާ އެއް ވާހަކައަކީވެސް އީރާނާ އެމެރިކާގެ ވަރުގަދަ ހަނގުރާމައިގެ ވާހަކައެކެވެ. އެއް ގައުމުން އަނެއް ގައުމަށް ދެމުންދާ ބަހުގެ ވަރުގަދަ ހަމަލާތަކާ، ކުރިމަތި ކުރުމުންދާ ފިއްތުންތަކުގެ ވާހަކައަކީވެސް އާ ވާހަކައެއް ނޫނެވެ. ނަމަވެސް، އެމެރިކާއިން ހަމަލާދީ، އީރާނު އަސްކަރިއްޔާގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ގުދުސް ފޯސްގެ ގާސިމް ސުލައިމާނީ މަރާލުމާއެކު، އީރާން-އެމެރިކާ ހަނގުރާމައިގެ އާ ބާބެއް ފެށުނީ ކަމުގައި ގަބޫލުކުރަންޖެހެއެވެ. މަގު ކޮށިގެން ދިޔައީ މުޅި ދުނިޔެވެސް ސަމާލުވާންޖެހޭ ވަރުގެ ހަނގުރާމައިގެ ކިއްލާއަކާ ދިމާލަށްކަން ހަނދާން ކުރަންޖެހެއެވެ.

ސުލައިމާނީގެ މަރުގެ ބަދަލު އީރާނުން ހިފާނެއެވެ. ރަނގަޅު ވަގުތު ޖެހުމުން، ރަނގަޅު ގޮތަކަށް އެ ބަދަލު ހިފާނެ ކަމުގެ އިންޒާރު، އީރާނުން ވަނީ ދީފައެވެ. މިއާއެކު 2 ގައުމެއް މިވަނީ ހަނގުރާމައިގެ ތުންފަތް މައްޗަށް އަރާފައެވެ. ކަންމިހެން އޮތްއިރު، އެމެރިކާއިން އިރާގުގައި ތިބޭ ތިބުމާ މެދުވެސް ބަހުސް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. ހަމަ މިއާއެކު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެންގުޅުއްވާ މެދުއިރުމަތީގެ ސިޔާސީ އިސްތިރާޖަށްވެސް މިއީ ވަރުގަދަ އިމްތިހާނަކަށް ވެގެންދާނެއެވެ.

އިރާގުގެ ނަޖަފް ސިޓީގައި ހުންނަ އީރާނުގެ ކޮންސިއުލޭޓް އިމާރާތުގައި އިރާގުގެ މުޒާހަރާ ބައިވެރިންގެ ގުރޫޕަކުން ހުޅުޖަހާ ރޯކޮށްފައި/ފޮޓޯ: އޭއެފްޕީ

އިރާގުގެ ވެރިރަށް ބަގުދާދުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަކަށް އަމާޒުކޮށް އެމެރިކާއިން ދިން ހަމަލާތަކެއްގައި ސުލައިމާނީ މަރާލާފައިވަނީ ޓްރަމްޕްގެ އޯޑަރަކަށްކަން އެމެރިކާގެ ދިފާއީ ވުޒާރާއިންވަނީ ކަށަވަރުކޮށްދީފައެވެ. އެމެރިކާގެ މި އަމަލަކީ، ހަނގުރާމަ އިއުލާން ކުރުން ކަމުގައި ގިނަ ބަޔަކު ވަނީ ސިފަކުރަން ފަށާފައެވެ. ކަންމިހެން އޮތްއިރު، ޓްރަމްޕް ވިދާޅުވަނީ ތަފާތު ވާހަކައެކެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި ސުލައިމާނީ މަރާލަންޖެހުނީ ހަނގުރާމައެއް ހުއްޓުވުމަށެވެ. ފަހަރެއްގައިވެސް ހަނގުރާމައެއް ފެށުމަކަށް ނޫނެވެ. ޓްރަމްޕް ވިދާޅުވީ، ބަގުދާދުގެ ވައިގެ ބަނދަރަށް ހަމަލާދީގެން ސުލައިމާނީގެ 'ޓެރަރިސްޓް ވެރިކަން' ނިމުމަކަށް ގެނެވިފައިވާކަމަށެވެ.

ޓްރަމްޕްއަކީ ވިދާޅުވާ އެއްޗަކާ ކުރައްވާ ކަމަކާ ދެމެދު އަބަދުވެސް ފަރަގުތަކެއް އޮންނަ ކަމުގެ ރެކޯޑް އޮންނަ ސިޔާސީ ޝަހްސެކެވެ. ސުލައިމާނީ މަރަކީ ހަނގުރާމައެއްގެ ފެށުން ނޫންކަމަށް ޓްރަމްޕް ވިދާޅުވިއިރު، އޭގެ 24 ގަޑިއިރުވެސް ނުވަނީސް 2 ވަނަ ހަމަލާއެއް އީރާނަށް އަމާޒުވެފައިވާކަމުގެ ޝަކުވާ އެގައުމުން ވަނީ އުފުލާފައެވެ. އަދި އެމެރިކާ އަސްކަރިއްޔާގެ 3000 އަށްވުރެ ގިނަ ސިފައިން، މެދުއިރުމަތީގައި ގާއިމުކުރުމުގެ މަސައްކަތް، ވަގުތުން ވަގުތަށް ވަނީ ފަށާފައެވެ. އަދި އިރާގުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިއުމަށްވެސް އެމެރިކާއިންވަނީ ގޮވާލާފައެވެ.

ީރާނު އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ގޮތްޕެއް ކަމަށްވާ ގުދުސް ފޯސްގެ ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ/ފޮޓޯ: އޭއެފްޕީ

1989 ވަނަ އަހަރުން ފެށިގެން އޭނާގެ ކޮމާންޑަރު ކަމުގެ ދަށުން ޖެނެރަލް ސުލައިމާނީ ހިންގަމުންދިޔަ ގުދުސް ފޯސްއަކީ، އީރާނު އަސްކަރިއްޔާގެ އެންމެ އިސް ގޮފި ކަމަށްވާ އީރާނިއަން ރިވަލޫޝަނަރީ ގާޑްސްގެވެސް އެންމެ މަތީ ފަންތީގެ ގޮތްޕެވެ. އެއީ އީރާނުން ބޭރުގައި އެގައުމުން ހިންގާ ވަރުގަދަ އަސްކަރީ އޮޕަރޭޝަންތައް ހިންގާ ގޮތްޕެވެ. ފަހުގެ ތާރީހަށް ބަލާއިރު، ލުބްނާނު، އިރާގު އަދި ސޫރިޔާ ފަދަ ގައުމުތަކަށް އީރާނުގެ ނުފޫޒު ފޯރުވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ޖެނެރަލް ސުލައިމާނީއާއި އޭނާގެ ގުދުސް ފޯސް ކަމާ މެދު ދެބަސްވެވޭކަށްވެސް ނެތެވެ.

މިއާއިއެކު އެމެރިކާއަށް ސުލައިމާނީ ސިފަވަމުން ދިޔައީ އެމީހެއްގެ އަތުގައި އެމެރިކާގެ މައުސޫމު އެތައް ފުރާނައެއްގެ ލޭ ހެކިފައިހުރި ގާތިލެއްގެ ގޮތުގައެވެ. ނަމަވެސް އީރާނުން ދެކޭ ގޮތުގައި ސުލައިމާނީ އަކީ ބަތޮލެކެވެ. އީރާނާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި އެމެރިކާއިން ކުރިމަތިކުރަމުންދާ ފިއްތުންތަކުން ގައުމު ސަލާމަތްކޮށްދޭ މޭސްތިރިއަކީވެސް ސުލައިމާނީކަމުގައި އީރާނަށް ވިއެވެ.

ސުލައިމާނީ މަރާލުމަށް އެމެރިކާއިން އަމަލު ކުރި ގޮތާ މެދު ހައިރާންވެ، ސުވާލު އުފެދޭ އެތައް ކަމެއް އެބަހުއްޓެވެ. އެގޮތުން ކުށްލި އަކަށް މި ދުވަސްވަރު ސުލައިމާނީ މަރާލަންޖެހުނީ ކީއްވެތޯ ކުރެވޭ ސުވާލަކީ، ބޮޑު ސުވާލެކެވެ.

އީރާނު އަސްކަރިއްޔާގެ އިސް ކޮމާންޑަރު ޖެނެރަލް ގާސިމް ސުލައިމާނީ މަރާލުމަށް އެމެރިކާއިން ހަމަލާ ދިން އިރާގުގެ ވައިގެ ބަނދަރު ސަރަހައްދުގައި އެއްޗެއް ރޯވެ އަނދަނީ/ފޮޓޯ: ރޮއިޓާޒް

2019 ވަނަ އަހަރުގެ ނިމުމާ ގާތްވެގެން އައިއިރު އީރާނާ އެމެރިކާގެ ގުޅުން އަނެއްކާވެސް ނުތަނަވަސްކަމުގެ އާ އަނދަވަޅަކަށް ވެއްޓުނެވެ. އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް، ތިރި-ރާސްތާ ރޮކެޓް ހަމަލާތައް އަމާޒުވަމުންދިޔައެވެ. މިއިން ހަމަލާއެއްގައި އެމެރިކާގެ މަދަނީ ކޮންޓްރެކްޓަރެއްގެ ފުރާނަ ގެއްލުނެވެ. އެމެރިކާއިން ބުނާ ގޮތުގައި މިއީ އީރާނުން ހިންގި ޖަރީމާއެކެވެ. ކަންމިހެން އޮތްއިރު، ގަލްފް ކަނޑުގެ ސަރަހައްދުން ދަތުރުކުރި ޓޭންކަރުތަކަށް ދިން ހަމަލާތަކާ، އެމެރިކާގެ އަސްކަރީ ވައިގެ އުޅަނދެއް ވައްޓާލުމާ، ސައުދީގެ އެންމެ ބޮޑު ތެޔޮ ކަރުހާނާއަށް އަމާޒުކޮށް ދިން ހަމަލާތަކަކީވެސް އީރާނާ ދިމާލަށް އެކަމުގެ ތުހުމަތުގެ އިނގިލި އަމާޒުކުރެވުނު ކަންތައްތަކެކެވެ. އެހެންވީއިރު، އެއިން އެއްވެސް ކަމަކާ ގުޅިގެން އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާއެއް ދީފައި ނުވަނީ ކީއްވެތޯ ސުވާލުކުރަންޖެހެއެވެ.

އީރާނުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަމާޒުކޮށް އީރާނުން ދިން ކަމަށް ބުނާ ހަމަލާތަކުގެ ރައްދުގައި އެމެރިކާއިން ހަމަލާ ދިނީ އީރާނަށް އެއްބާރުލުންދޭކަމަށް ބުނާ ހަނގުރާމަވެރިންތަކަކަށެވެ. އޭގެ ރައްދު ހަމަލާ އަމާޒުވީ ބަގުދާދުގައި ހުންނަ އެމެރިކާގެ އެމްބަސީއަށެވެ.

އެމެރިކާއާއި ދެކޮޅަށް އިރާގުގެ ވެރިރަށް ބަގުދާދުގައި ކުރިއަށް ގެންދާ ވަރުގަދަ މުޒާހަރާތަކުގެ ތެރެއިން/ފޮޓޯ: ރޮއިޓާޒް

ސުލައިމާނީގެ މަރު، އެމެރިކާއިން ގުޅުވާލީ މިކަމާއެވެ. އެމެރިކާއިން ވަކާލާތު ކުރާ ގޮތުގައި ސުލައިމާނީ ދިޔައީ އެމެރިކާގެ ޑިޕްލޮމެޓުންނަށް ހަމަލާ ދިނުމަށް ރާވަމުންނެވެ. އަދި އިރާގާ، މެދުއިރުމަތީގައި ތިބި އެމެރިކާގެ ފައުޖުތައް ނެތިކޮށްލުމަށްވެސް ސުލައިމާނީ ރާވާފައިވާކަމަށް ޕެންޓަގަންއިން ބުނެއެވެ.

މި ފިޔަވަޅުތަކަކީ، ރައްކާތެރި ކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބުނެ، އެމެރިކާއިން ވަނީ އާންމު އުސޫލުން ދިފާއަށް ކުޅެފައެވެ. ނަމަވެސް އުދަރަހެއް ބޯވަމުން އެދަނީ ހަނގުރާމައިގެ ވިލާގަނޑެއް ކަމާ މެދު ދެބަސްވާނެ މީހަކު ނެތެވެ.