މާލެއާ ހުޅުމާލެ ގުޅުވާލާފައިވާ ބްރިޖު މަތިން ދަތުރުކުރި ދެ ސައިކަލެއް އެކްސިޑެންޓުވެ އަންހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދޭ ގޮތުގައި، މިއެކްސިޑެންޓު ހިނގާފައި ވަނީ މިއަދު ހެނދުނު 8.30 ހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން އަންހެން މީހާގެ އަތް ބިންދައިގެން ދިއުމުގެ ސަބަބުން ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގީ ބުރިޖުގެ އެއްފަރާތެއްގައި އެއްސައިކަލު މަޑުކޮށްލި ވަގުތު ފަހަތުން އައި ސައިކަލު މަޑުކޮށްލި ސައިކަލުގައި ޖެހިގެން ކަމަށެވެ. އަދި މިއެކްސިޑެންޓުގައި އަތް ބިންދައިގެން ދިޔައީ ފަހަތުން އައި ސައިކަލު ދުއްވަން އިން އަންހެން މީހާ ކަމުގައިވެސް ފުލުހުން މައުލޫމާތު ދެއެވެ.

ސައިކަލު ދުއްވަން އިން އަންހެން މީހާއަކީ އުމުރުން 34 އަހަރުގެ އަންހެނެއް ކަމަށާއި، އަނެއް ސައިކަލު ދުއްވަން އިނީ އުމުރުން 29 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓުގައި މަޑުކޮށްގެން ހުރި ސައިކަލު ދުއްވަން އިން ފިރިހެން މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މި އެކްސެޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.