ޕާކިސްތާނުގެ ވައިގެ ސަރަހައްދުން ބޯޓު އުދުއްސާލުމާއި، ބޯޓު ޖެއްސުމާއި، އެ ސަރަހައްދުން ދަތުރުކުރުމާއި، ޕާކިސްތާނު ހިމެނޭ ސަރަހައްދުން ދަތުރުކުރުމުގައި ސަމާލުވުމަށް އެމެރިކާގެ އެއާލައިންތަކާ ކޮމާޝަލް އޮޕަރޭޓަރުންނަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ގޮވާލައިފިއެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި އިންތިހާއަށް ސަމާލުވުމަށް އެމެރިކާއިން އެޑްވައިޒަރީއެއް ނެރެފައި މިވަނީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ އަމަލުތައް ހުރި ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާއިން އާންމުކޮށްފައިވާ އެޑްވައިޒަރީ ބުނާ ގޮތުގައި، އެމެރިކާގެ ދައުލަތާ ވިޔަފާރި ކުންފުނިތަކުން އޮޕަރޭޓްކުރާ މަތިންދާބޯޓުތަކަށް އަމާޒުކޮށް، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންގެ ހަމަލާ އަމާޒުވުމުގެ ނުރައްކާ އޮތުމުން، ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކުރުމާ ދުރުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ)އިން އާންމުކޮށްފައިވާ ބަޔާން ބުނާ ގޮތުގައި، މި ހަމަލާތަކަކީ ޕާކިސްތާނަށް ބޯޓު ޖައްސާފައިވާ އޮންނަ ވަގުތުތަކާ، ބޯޓު އުދުއްސާލާ ވަގުތާ، ޕާކިސްތާނަށް ބޯޓު ޖައްސަން އަންނަ ވަގުތުގައިވެސް އަމާޒުވެދާނެ ހަމަލާއަކަށްވުން އެކަށީގެންވެއެވެ.

މީގެ އިތުރުން ތިރިން އުދުހޭ ފްލައިޓްތަކަށްވެސް ނުރައް އެބައޮތް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިފަދަ ހަމަލާތަކަކީ ކުޑަ ނުވަތަ އެއްވެސް ވަރެއްގެ އިންޒާރަކާވެސް ނުލާ އަމާޒުވެދާނެ ހަމަލާއަކަށް ވެދާނެ ކަމަށް އެފްއޭއޭގެ އިންޒާރުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މި އެޑްވައިޒާރީއާއި ގުޅުންހުރި ކަންކަން މުރާޖައާ ކުރާނީ 2021 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުގެ ކުރިން ކަމަށް މައުލޫމާތު ލިބެއެވެ.