މިހާރު ތަރައްގީ ކުރަމުންދާ ސަރަހައްދީ އެއާޕޯޓުތަކުގެ ތެރެއިން ތިން އެއާޕޯޓެއް އަހަރު ކުރީކޮޅު ހުޅުވޭނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ މިހާރު ތަރައްގީ ކުރަމުންދާ އެއާޕޯޓުތަކުގެ ތެރެއިން ށ. ފުނަދޫ އެއާޕޯޓު މިމަހު ތެރޭ ހުޅުވޭނެ ކަމަށާއި، ގދ. މާވާރުލުގައި ތަރައްގީ ކުރާ އެއާޕޯޓު މާޗު މަހު ހުޅުވޭނެ ކަމަށާއި އަދި ޅ. މަޑިވަރު އެއާޕޯޓު އޭޕްރީލް މަހު ހުޅުވޭނެ ކަމަށެވެ. އަދި މީގެ އިތުރުން ހއ. ހޯރަފުށި އެއާޕޯޓު މި އަހަރުގެ އޮގަސްޓު މަހު ހުޅުވޭނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ވައިގެ ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހދ. ކުޅުދުއްފުށީ އެއާޕޯޓު 2019 ވަނަ އަހަރު ހުޅުވާ ހިދުމަތް ދޭން ފެށި ނަމަވެސް އެ އެއާޕޯޓަށް ބަދަލުތައް ގެނެސް އެއާޕޯޓު އަޕްގުރޭޑު ކުރަން ޖެހޭ ކަމަށެވެ. ގދ. ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގެ މަސައްކަތަށް ބަދަލެއް އައި ނަމަވެސް ކަނޑައަޅާފައިވާ މުއްދަތަށް އެ އެއާޕޯޓުގެ މަސައްކަތްވެސް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވިއެވެ.

ބައެއް އެއާޕޯޓުތައް ހުޅުވުމަށް ކަނޑައަޅާ ތާރީހަށް ނުހުޅުވި ލަސްވަނީ، އެތަނަށް ބޭނުންވާ މުވައްޒަފުން ލިބުން ދަތިވާތީ ކަމަށާއި އެއާޕޯޓުތަކަށް ބޭނުންވާ ޓްރެއިންޑް މުވައްޒަފުން ލިބުމުގައި ދަތިތައް ހުރުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.