ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ބިނާކުރަމުންދާ ސީޕްލޭން ޓާމިނަލަކީ 26 މިލިއަން ޑޮލަރު ހަރަދުކުރެވިގެން އިމާރާތްކުރެވޭ ތަނެއް ކަމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، 4 ފަންގިފިލާއަށް އިމާރާތްކުރެވޭ ސީ ޕްލޭން ޓާމިނަލަކީ 26 މިލިއަން ޑޮލަރު ހަރަދުކުރެވިގެން އިމާރާތްކުރެވޭ ތަނެއް ކަމަށެވެ. އަދި އެ ކޮމްޕްލެކްސްގައި 28،000 އަކަ މީޓަރުގެ ސީޕްލޭން ޓާމިނަލަކާއި، 1 ފަންގިފިލާގެ 120 އަކަމީޓަރުގެ ވީއައިޕީ އިމާރާތެއް ހިމެނޭ ކަމަށް އެމްއޭސީއެލުން ބުނެއެވެ.

މި އިމާރާތް ހުޅުވޭޏެ ކަމަށް ލަފާ ކުރެވެނީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ކަމަށާއި އަދި މި ތާމިނަލް ހުޅުވިގެންދާއިރު ވާނީ ދިވެހިން ފަހުރުވެރިވާނެ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަންސް ހިންގާ އިމާރާތްކަމަށްވެސް އެފަރާތުން ބުނެއެވެ.

އާ ސީޕްލޭން ޓާމިނަލް ނޫސްވެރިންނަށް ދައްކާލަނީ

ހަމައެއާއެކު އެމްއޭސީއެލުން ބުނީ މި ސީޕްލޭން ޓާމިނަލަކީ ކުރިމަގަށް ސީޕްލޭން އޮޕަރޭޝަން އިތުރަށް ތަރައްގީ ކުރުމައްޓަކައި އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން މި އިމާރާތަކީ ޓާމިނަލެއްގައި ހުންނަންޖެހޭ ހިދުމަތްތައް ވީއައިޕީ ލައުންޖް/ޕެސެންޖާ އަދި ބެގޭޖް ހެންޑްލިން ފެސިލިޓީ، ރިޓޭލް ވިޔަފާރި، އެފްއެންބީގެ ހިދުމަތް ފަސޭހަކަމާއެކު ލިބޭ ގޮތަށް ތައްޔާރުކިޮށްފައިވާ އަދި އެއާލައިން އޮޕަރޭޓް ކުރާ ފަރާތްތަކާއި ޓާމިނަލް މެނޭޖެކުރާ ފަރާތްތަކުގެ އިދާރީ މަސައްކަތް ކުރާނެ ޖާގައިގެ އިތުރުން މުވައްޒަފުންގެ ރެސްޓް ރޫމް ފަދަ ތަންތަންވެސް ހިމެނޭ ގޮތަށް ޒަމާނާއެއްގޮތަށް ފަރުމާ ކުރެވިފައިވާ އިމާރާތެއް ކަމަށް އެމްޕީއެލްސީން ބުނެއެވެ.

މި އިމާރާތުގެ ސީޕްލޭން ޓާމިނަލާއި ވީއައިޕީ އިމާރާތް ހިންގާ ބަލަހައްޓާނީ އެ ކުންފުނިން ކަމަށާއި ނަމަވެސް އެކިއެކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝާން ހިންގާނީ އޮޕަރޭޝާނަށް ބޭނުންވާ ޖަގާ އެ ޓާމިނަލުން ކުއްޔަށް ހިފައިގެން ކަމަށް އެމްއޭސީއެލުން ބުނެއެވެ. މިހާރު ސީޕްލޭން އޮޕަރޭޓަރުންނާ އެކު ޓަމިނަލުން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށާއި އަދި އެއްވެސް ފަރާތަކަށް ސީޕްލޭން ޓަމިނަލުން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސް ވެވިފައި ނުވާ ކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ. އަދި އޮޕަރޭޓަރުންނާއެކު ކުރެވެމުންދާ މަޝްވަރާތައް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތިން މަޑު ޖައްސާލައިފައިވާކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.