އާސަންދަ ކުންފުނިން ހުޅުމާލެ ހޮސްޕިޓަލް ހިންގުން ހުއްޓާލައިފިއެވެ.

އާސަންދަ ކުންފުނީގެ މީޑިއާ ކޯޑިނޭޓަރު އާޝިޔާ ސޯލިހް ވިދާޅުވީ، މިއަދުން ފެށިގެން ހުޅުމާލެ ހޮސްޕިޓަލް ހިންގުން އެކުންފުނިން ދޫކޮށްލާފައިވާ ކަމަށެވެ. އެ ހޮސްޕިޓަލް ހިންގުން އެކުންފުނިން ދޫކޮށްލާފައި ވަނީ ސަރުކާރުން އެގޮތަށް ނިންމުމުން ކަމަށެވެ. އެގޮތަށް ސަރުކާރުން ނިންމާފައިވާކަން އެކުންފުންޏަށް އަންގާފައިވަނީ ޑިސެމްބަރު 26 ގައި ކަމަށެވެ.

"ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ހުއްޓުނީކީ ނޫން، ހިންގުން ހުއްޓުނީއެއްވެސް ނޫން، އާސަންދަ ދަށުން ހޮސްޕިޓަން ނެގީ، ހޮސްޕިޓަލް މެނޭޖް ކުރުން އެހެން ގޮތަކަށް ބަދަލު ކުރުމަށް، ރައީސް އޮފީހުން ޑިސިޝަން މޭކް ކުރުމަށްފަހު ރަސްމީ ސިޓީ ފޮނުވީ ޑިސެމްބަރު މަހުގެ 26 ގައި،" އާޝިޔާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލް ހިންގުން، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްގެ ދަށަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގުން އާސަންދައާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ 3 ވަނަ ދުވަހުއެވެ. އެކުންފުނިން ހުޅުމާލެ ހޮސްޕިޓަލާ ހަވާލުވެ، އެ ކުންފުނީގެ ބަޖެޓުން 193 މިލިއަން ރުފިޔާ ހަރަދުކޮށް، ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައެވެ. އެގޮތުން ކެންސަރު ބައްޔަށް ފަރުވާދޭން އެ ހޮސްޕިޓަލުން ފަށާފައިވަނީ އާސަންދައިގެ މެނޭޖްމަންޓްގެ ދަށުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ހިންގުން ހެލްތުގެ ދަށަށް ގެންދިޔުމަށް ރައީސް އޮފީހުން ވަނީ 2018 ވަނަ އަހަރު އަންގައިފައެވެ. ނަމަވެސް އޭގެ ފަހުންވެސް އެހޮސްޕިޓަލް މެނޭޖްކުރަމުން ގޮސްފައި ވަނީ އާސަންދަ ކުންފުނިންނެވެ.