2020 ވަނަ އަހަރަށް އަލި ވިލުނު އިރު، އެކި އެކި ކުންފުނިތަކުން އެ ކުންފުނިތަކުގެ ހުނަރުވެރިކަން ދައްކާލުމަށް ތައްޔާރުކުރީ ކަލަންޑަރެވެ. މިއީ ކޮންމެ އަހަރަކު ވެސް އޮންނަ ކަމެކެވެ. ކޮންމެ އަހަރަކު ވެސް އޮފީސް މޭޒުމަތިން ޖާގަ ހޯދަނީ އަހަރުގެ އެންމެ ރީތި ކަލަންޑަރެވެ.
2019 ވަނަ އަހަރު ވެސް އޮފީސް މޭޒުމަތިން ޖާގަ ހޯދާފައިވަނީ ދިރާގު ކަލަންޑަރެވެ. މިއަހަރުވެސް ދިރާގުން ކަލަންޑަރު ހަދިޔާ ކުރުމުން މޭޒުމަތީގައި ކަލަންޑަރަށް ހާއްސަ ކުރެވިފައިވާ ޖާގަ ދިރާގުން ގެންދާނެ ކަމުގެ އުއްމީދުގައި ކަލަންޑަރު ހުޅުވާ ބަލައިލީމެވެ. ފެނުނީ ތަފާތު މަންޒަރެކެވެ.
މިއަހަރު ދިރާގުން ކަލަންޑަރު ތައްޔާރުކޮށްފައި ވަނީ މޫދު އަޑީގެ ރީތި މަންޒަރުތައް ހިމަނައިގެންނެވެ. ޖެނުއަރީ މަސް ހުޅުވާލާފައި، މޭޒުމަތީގައި ކަލަންޑަރު ބެހެއްޓިއިރު، ފެނުނީ ކަކުންޏެއްގެ ބޮލުގައި ތޮތްޕެއް އަޅައިގެން އޮންނަ ފޮޓޯއެކެވެ. އެއީ ހެއްވާލުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ފުރަތަމަ ހީކުރެވުނު ނަމަވެސް، ކަކުނީގެ ބޮލުގައި އަޅާފައި އޮތީ ތޮތްޕެއް ނޫންކަން އިހުސާސްވީ ފަހުންނެވެ. މޫދު އަޑީގައި ވިނަތަކާ އެކު އޮތް ކަކުނީގެ ބޮލުގައި އޮތީ ޕްލާސްޓިކް ތައްޓެކެވެ.
ޕްލާސްޓިކުން ތަޣައްޔަރު ވެފައިވާ މޫދު އަޑީގެ މަންޒަރެއް ފެނުމުން، އެހެން ތަސްވީރުތައް ވެސް ބަލާލީމެވެ. ފެނުނީ، ޕްލާސްޓިކް ހޮޅިތަކާ އެކު ވެލާތައް ފަތާ މަންޒަރެވެ. މޫދުގައި އުޅޭ ތަފާތު އެކި މަސްމަހާ މެހި ޕްލާސްޓިކް ކޮތަޅުތަކުގެ ތެރެއަށް ވަންނަ މަންޒަރެވެ. ޕްލާސްޓިކް ކޮތަޅާއި، ތަށި، ހޮޅި އަދި ފުޅި އެކަންޏެއް ނޫނެވެ. ކަންފަތް ސާފުކުރަން ގެންގުޅޭ ކަފަބުރާއި، ސައިފަތް ޕެކެޓު، ސުޕާރީ ޕެކެޓް އަދި ކުޑަކުދިންގެ ނެޕީ ވެސް އެވެ.
މި ކަލަންޑަރަށް ބަލާލުމުން ހަނދާންވީ، މޫދަށް އުކާލައި ޕްލާސްޓިކްގެ ސަބަބުން މަސްމަހާމެހި މަރަށް ތެޅޭ ވީޑިއޯތައް މަތިންނެވެ. ދިރާގުގެ ކަލަންޑަރުން މަސްމަހާމެހި ޕްލާސްޓިކްތަކުގެ ތެރޭގައި ފަތާ މަންޒަރުން ދެނީ މެސެޖެކެވެ. ހަނދާން އާ ކޮށްލަ އެ ދެނީ މޫދަށް ކުނި ނޭޅުމަށެވެ. އެންމެ ކުޑަކުޑަ ސުޕާރީ ޕެކެޓް ކަމަށް ވިޔަސް، މޫދަށް އެއްލާ ނުލުމަށެވެ.
ކަލަންޑަރުގެ ކޮންމެ ސަފުހާއެއްގައި ހުރި ތަސްވީރުގައި ކިއު-އާރް ކޯޑެއް ވެސް އެބައޮތެވެ. އެ ކޯޑް ފޯނުން ސްކޭން ކޮށްލުމުން ދެވެނީ، ދިރާގުން ދޭން ބޭނުންވާ ހާއްސަ މެސެޖު ކިޔާލުމަށް އެ ކުންފުނީގެ ވެބްސައިޓަށެވެ. ދިރާގުން ބުނީ، 2020ގެ ކަލަންޑަރުގެ އަމާޒަކީ، ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި މޫދުތަކަށް ޕްލާސްޓިކްގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ދައްކުވައިދީ، ތިމާވެއްޓާއި މެދު މީހުން ހޭލުންތެރި ކުރުވުމަށް ކަމަށެވެ.
އަދި މޫދަށް އުކާލާ ޕްލާސްޓިކް ވީހާވެސް މަދު ކުރުމަށް އެ ކުންފުންޏާއި އެކު މަސައްކަތް ކުރުމަށް ދިރާގުން ގޮވާލައެވެ. ދިރާގުން ބުނީ، ކަށީގައި ހަރުލާފައިވާ މިފަދަ އާދައެއް ހުއްޓާލުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. ދިރާގުން މި ކަލަންޑަރު ތައްޔާރު ކޮށްފައިވަނީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކާއި ދުރުވުމުގައި އެހެން މީހުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.
ކަނޑަށް ޕްލާސްޓިކް އުކާލުން ހުއްޓުވުމަށް ހަނދާން ކޮށްދިނުމަށްޓަކައި، ދިރާގުން ހަދިޔާ ކުރި މި މުހިންމު މެސެޖު އަހަރު ނިމެންދެން ވެސް ދެން އޮފީސް މޭޒުމަތީގައި އަބަދު ފެނި ފެނި ހުންނާނެތާއެވެ. ތިޔަ ދެއްވި މުހިންމު މެސެޖަށް ދިރާގަށް ޝުކުރިއްޔާއެވެ.