ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެނެސްދެއްވި ތަރައްގީގެ ބައިކުޅަބައިވެސް މި ސަރުކާރަށް ނުގެނެވޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ކުރީގެ ރައީސް ޔާމީނަށް އިއްވާފައިވާ ސިޔާސީ ހުކުމް ދެކޮޅަށް އަޑުއުފުލުމަށް ލ.ފޮނަދޫގައި ބާއްވާ ޖަލްސާގައެވެ.

އަދުރޭ ވިދާޅުވީ ފަސް އަހަރު ނިމިގެން ދިޔަޔަސް ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެއަށް ގެނެސްފައިވާ ތަރައްގީ މި ސަރުކާރަށް ނުގެނެވޭނެ ކަމަށެވެ.

އަދި 2023 ވަނަ އަހަރު ރައީސް ކަމަށް ޔާމީން ގެންނަވާނެ ކަމަށާއި ރައީސް ޔާމީންގެ ހައްގުގައި ތެދުވެ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މި ސަރުކާރަށް މެޖޯރިޓީ ނުދިނުމަށް ރައްޔިތުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.

ލ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރަށް ފަހު މާދަމާ މ. އަތޮޅަށް ޕީޕީއެމް ޕީއެންސީގެ ޓީމެއް ފުރާނެ ކަމަށް އިދިކޮޅުން ބުނެއެވެ. އިދިކޮޅު ފަރާތްތައް ރޭ ވަނީ ދ. ކުޑަހުވަދޫގައި ޖަލްސާއެއް ބާއްވައިފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. އެހުކުމާއެކު ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މުޒާހަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.