"ނިމޭ 19" ގެ ނަމުގައި ފުލުހުން ހިންގަމުން ގެންދާ އޮޕަރޭޝަން ހުއްޓާލުމަށް ސަރުކާރު ހިންގާ މައިޕާޓީން އެމްޑީޕީއިން ގޮވާލައިިފި އެވެ.

އެމްޑީޕީއިން މޯލްޑިވްސް ސާވިސް ޕޮލިސްއަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ، ފުލުހުން ހިންގާ އޮޕަރޭޝަނަކަށް "ނިމޭ 19" ކިޔުމުގެ ސަބަބުން އެ ޕާޓީން ނުހަނު ބުރަ މަސައްކަތުން ރައްޔިތުން ގަބޫލުކަން ހޯދާފައިވާ "އެޖެންޑާ 19" މިނަމަށް ވަރަށް ނުރަނގަޅު އަސަރުކުރާނެ ކަމަށެވެ. އަދި އެޖެންޑާ 19 ގުޅިފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއިން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްކަމަށް ވެފައި އެ މަސައްކަތާއިމެދު ރައްޔިތުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު އޮންނާނެތީކަމަށް އެމްޑީޕީއިން ފޮނުވި ސިޓީގައު ބުނެފައި ވެއެވެ.

އަދި "ނިމޭ 19" އަކީ އެޕާޓީގެ "އެޖެންޑާ 19" އަށް ގޮންޖަހާފަދަ ގޮތަކަށް ބޭނުންކުރެވޭ ނަމަކަށްވެފައި، ފުލުހުންގެ އޮޕަރޭޝަނަކަށް އެފަދަ ނަމެއް ކިޔުމުން ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ސިޔާސިވެފައިވާތަން ރައްޔިތުންނަށް ފެނިގެންދާނެކަމަށް އެ ޕާޓީއިން ބުނެއެވެ. 2019 ވަނަ އަހަރު ނިމި 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ހިންގާ އޮޕަރޭޝަނަށް "ނިމޭ 19" ކިޔަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ.

އެމްޑީޕީއިން ވަނީ "ނިމޭ 19" ގެ ނަމުގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަން ހުއްޓާލުމަށްވެސް އެދިފައެވެ. އަދި އެ އޮޕަރޭޝަނުގެ ނަން ބަދަލުކޮށް އެހެން ނަމެއްގައި އަލުން އޮޕަރޭޝަން ހިންގި ނަމަވެސް، އެ ޕާޓީގެ "އެޖެންޑާ 19" ނަމަށާއި އެ އޮނިގަނޑުގެ ދަށުން ހިންގާނެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެކަމުގެ ސަބަބުން ނޭދޭވޭ އަސަރުކުރާނެތީ ފުލުހުންގެ އެ އޮޕަރޭޝަން ހިންގުން ހުއްޓާލުމަށް އެ ޕާޓީއިންވަނީ އެދިފަ އެވެ.

މިއަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި އެމްޑީޕީގެ ވައުދުތައް ހިމެނޭ އޮނިގަނޑަށް އެމްޑީޕީއިން ކިޔާފައިވަނީ "އެޖެންޑާ 19" އެވެ. އަދި "އެޖެންޑަ 19" އަކީ އެ ޕާޓީގެ ފިކުރީ މުދަލެއްކަމަށާއި، އެއީ އެ ޕާޓީއިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި، ނަމާއި އެނަމުގެ ލޯގޯ ފާސްކޮށް، އެނަމާއި ލޯގޯއިން ވަކި ކަންކަމެއް ރަމްޒުކޮށްދޭ މަފްހޫމަކަށް އެނަމާއި ލޯގީ މިހާރުވަނީ ވެފައި ކަމަށް އެމްޑީޕީއިން ބުނެއެވެ. އަދި އެކަން ހާސިލުކޮށްފައިވަނީ އެ ޕާޓީގެ ގިނަ މެންބަރުންގެ ވަރަށް ބުރަ މަސައްކަތުން ކަމަށްވެސް އެމްޑީޕީއިން ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

ފުލުހުންގެ މުއައްސަސާއަކީ ގަދަރުވެރި ރައްޔިތުންގެ އިތުބާރު އަނބުރާ ލިބޭނެ މުއައްސަސާއަކަށް ހެދުމަކީ ނުހަނު ބނޭނުންތެރިކަމެއް ކަމަށައި، ފުލުހުންގެ މުއައްސަސާތަކުގައި ސިޔާސީ ކުލަ ނުޖެހޭ ގޮތައް ކަންކަން އިންތިޒާމް ކުރެއްވުމަށް އެމްޓީޕީއިންވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުންގެ މުއައްސަސާއިންދަނީ "ނިމޭ 19" ގެ ނަމުގައި މާލެ ސިޓީގައި ހާއްސަ އޮޕްރޭޝަނެއް ކުރިއަށް ގެންދަމުން ނެވެ. މި އޮޕަރޭޝަން މިއަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.