ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަން (އީސީ) އިން ކުރަން ފަށައިފިއެވެ.

އީސީން ބުނީ، ހދ. ކުޅުދުއްފުށްޓަކީ ސީޓީއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައެޅުއްވުމާ ގުޅިގެން ގާނޫނުގައިވާ ގޮތުގެ މަތިން ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އީސީން މިހެން ބުނެފައި ވާއިރު، އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ހަތަރު ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް، އަހުމަދު ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރުމުގެ ނުރަސްމީ ބައްދަކުވުންތަކެއް ބާއްވާފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ލިބިއްޖެ ކަމަށް ވާނަމަ ކުޅުދުއްފުށި ހިމެނޭނީ ފުވައްމުލައް ސިޓީ ކެޓަގަރީގައި ކަމަށް ވެސް ޝަރީފް ވަނީ ކުރިން ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީއެއްގެ ދަރަޖަ ލިބުމުން އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް، އިންތިހާބީ ހަ ދާއިރާއަކަށް ކުޅުދުއްފުށި ބެހިގެން ދާނެއެވެ. އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ގާނޫނީ ބާރު ލިބިފައިވަނީ އިލެކްޝަންސް ކޮމިޝަނަށެވެ. އެ ކޮމިޝަނުން އިންތިހާބީ ދާއިރާތައް ކަނޑައެޅުމުގެ ކުރިން ސިޔާސީ ޕާޓީތަކާއި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއެވެ.