ހުޅުމާލޭން މާލެއަށް ބަހުގައި ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން ހެންވޭރަށް ދަތުރު ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހެނވޭރަށް ބަސް ދަތުރު ކުރާ ގޮތަށް އާ ރޫޓެއް ފަށަން ބަހުގެ ހިދުމަތްދެމުންދާ ކުންފުނި ކަމަށްވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އެމްޕީއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަންނަ މަހުގެ މެދުތެރޭގައި އާރޫޓަށް ބަސް ދަތުރު ކުރަން ފެށޭ ވަރު ވާނެކަމަށެވެ. އެގޮތުން ހުޅުމާލޭން މާލެއަށް ބަސްދަތުރު ކުރާ ދެ ރޫޓު އުފެދިގެން ދާއިރު އާ ރޫޓުގެ ބަސް ދަތުރު ކުރާނީ ހުޅުމާލޭން މާލޭގެ ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑް ކައިރިއަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގޮތަށް އެމްޕީއެލުން ބަސް ދަތުރުތައް ހަމަޖެއްސުމަށް ނިންމި މައިގަނޑު ސަބަބެއް ކަމަށް އެފަރާތުން ބުނީ މާލޭގައި މަސައްކަތް ކުރާ ގިނަ ފަރާތްތައް ހުޅުމާލެއިން އައުމަށް ބަހުގައި ދަތުރު ކުރާ ކަމަށާއި މިހާރު ބަސް ދަތުރު ކުރަމުންދާ ރޫޓުން ހަދާފައިވާ ބަސް ސްޓޮޕްތަކަކީ ހެންވޭރުގައި ހުންނަ އޮފީސްތަކަށް ދާން ބޭނުންވާ ފަރާތްތަކަށް ވަރަށް ދުރު މަގެއް ކަމަށެވެ.

"ހުޅުމާލެއިން މާލެއަށް ބަސް ދަތުރު ކުރާ އާ ރޫޓެއް އަންނަ މަހުގެ މެދެއްހާ ހިސާބު ފެށޭނެ. އެ ރޫޓަށް އަދި އިތުރު ދެ ބަސް ސްޓޮޕެއް ހަމަޖައްސަން އެބަ މަސައްކަތް ކުރަން. އެކަމަކު އަދި މުޅިން ފައިނަލެއް ނުވޭ."
އެމްޕީއެލްގެ މީޑިއާ އޮފިޝަލް

އެހެންކަމުން އަންނަ މަހު ކާނިވާ ސަރަހައްދާ ހިސާބަށް ބަސް ސްޓޮޕް ގާއިމްކޮށް އެހިސާބަށް ބަސް ދަތުރުކުރަން ފެށުމާއެކު އޮފީސްތަކަށް ދާ ފަރާތަތްކަށް ފަސޭހަ ވެގެންދާނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

ޖެނުއަރީ މަހު އާ ރޫޓަށް ބަސް ދަތުރު ކުރަން ނިންމާފައިވާ އިރު އެ ރޫޓުން އިތުރު ބަސް ސްޓޮޕްތައް ހެދުމަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޕީއެލުން ބުނެއެވެ. އެގޮތުން ސިނަމާލެ ހޮސްޕިޓަލު ކައިރި އާއި މަޖީދީ މަގާ ވީ ހިސާބުން ސްޓޮޕްތަކެއް ހެދުމަށް މިހާރު މަޝްވަރާ ކުރެވެމުންދާ ކަމަށް އެފަރާތުން ބުނެއެވެ.

ސިނަމާލެ ބްރިޖުން ބަޔަކު ދަތުރު ކުރަނީ

ހުޅުމާލެއާ މާލެއާ ދެމެދު ބަސް ދަތުރު ކުރުމަށް މިހާރު އޮތީ އެންމެ ރޫޓެކެވެ. މިހާރު ބަސް ދަތުރު ކުރަނީ ގްރޭޓާ މާލެ ބަސް ޓާމިނަލުން ހުޅުމާލެ ބަސް ސްޓޮޕަށެވެ. މާލޭގައި ބަސް ޓާމިނަލްގެ އިތުރުން ދެ ސަރަހައްދަކަށް މިހާރު ދަތުރު ކުރަމުންދާ ބަސް މަޑުކުރެއެވެ. އެއީ ވިލާ ކޮލެޖް ކައިރިއަށާއި ފަތާ ޓްރެކް ކައިރިއަށެވެ.

ބަހުގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ޒަމާނީ ވަސީލަތަށް ފެތޭގޮތަށް ވަނީ "މާލެ ބަސް" ނަމުގައި މޯބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފްކޮށްފައެވެ. އެގޮތުން އެ އެޕް މެދުވެރިކޮށް ބަސްރޫޓްތަކާއި ޝެޑިއުލްތަކާއި ބަސް ކާޑުގެ ބެލެންސް ބަލާލެވޭނެއެވެ.