ދުނިޔޭގައި މިވަގުތު ތިބި ރައިނޯ އާއިލާގެ މެމްބަރުންގެ ތެރެއިން އެންމެ ދުވަސްވީ ރައިނޯ ކަމަށް ބެލެވޭ ޖަނަވާރު މަރުވެއްޖެއެވެ.

ޓެންޒޭނިއާގެ ނޮގޮރޮންގޯރޯގައި އުޅުނު މި އަންހެން ރައިނޯ މަރުވީ އޭތީގެ އުމުރުން 57 އަހަރުގައި ކަމަށް ޚަބަރު ލިބެއެވެ.

ފައުސްތާގެ ނަމުން ނަންދީފައިވާ މި ރައިނޯ މަރުވީ އާދަޔާ ހިލާފު ކަމެއް ވެގެން ނޫންކަމަށާ، އޭތި މަރުވީ މި ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ކަމަށްވެސް ޓެންޒޭނިއާގެ ކަމާބެހޭ ކޮންޒަވޭޝަން އޭރިއާ އޮތޯރިޓީއިންވަނީ ބުނެފައެވެ.

ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްކުރާ ފަރާތްތަކުގެ ސަމާލުކަމަށް ފައުސްތާ އަރާފައިވަނީ އޭތީގެ އުމުރުން އެންމެ 3-4 އަހަރުގައި، 1965 ގައެވެ.

ނޮގޮރޮންގޯރޯގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި 2016 ވަނަ އަހަރުން ފެށިގެން ފައުސްތާގެ ހާލު ވަނީ ވަރަށް ބޮޑަށް ދަށަށް ދާން ފަށާފައެވެ.