ބަންގްލަދޭޝްއަށް ކުރިމަތިވެފައިވާ ގަދަފިނީގެ ސަބަބުން މަރުވި މީހުންގެ އަދަދު 50 އަށް އަރާފައިވާކަމަށް އެގައުމުން އޮފިޝަލުން ހާމަކުރައްވައިފިއެވެ.
މުޅި އަހަރު ދުވަހަށް ބަލާއިރު ބަންގްލަދޭޝްއަށް އެންމެ ފިނިވިކަމަށް ރެކޯޑްކޮށްފައިވަނީ އިއްޔެއެވެ. ބަންގްލަދޭޝްގެ އުތުރު ބޯޑަރު ސަރަހައްދުގައި އޮންނަ ތެތޫލިއާ ސަރަހައްދުގައި އާދީއްތަ ދުވަހު ފިނިހޫނު މިން ހުރީ 4.5 ޑިގްރީ ސެލްސިއަސްގައި ކަމަށް މައުލޫމާތު ލިބެއެވެ.
ބަންގްލަދޭޝްގެ ހެލްތް ޑައިރެކްޓަރޭޓްގެ އިސް އޮފިޝަލެއް ކަމަށްވާ ޢާއިޝާ އަހުތަރު ވިދާޅުވީ ނޭވާލާ ނިޒާމުގެ ބަލިތަކުގައި 17 މީހަކު މަރުވިއިރު، 33 މީހަކު މަރުވެފައިވަނީ ރޯޓާވައިރަހުގެ ސަބަބުން ޖެހުނު ބޭރަށް ހިންގުމެއްގައި ކަމަށެވެ. މިމީހުންނަކީ މިދިޔަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 28 ވަނަ ދުވަހާ ދެމެދު މަރުވި މީހުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޢާއިޝާ ވިދާޅުވީ އާދަޔާ ހިލާފަށް ފިނިގަދަވުމުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކާއެކު ހޮސްޕިޓަލުތަކުން ފަރުވާ ހޯދަމުންދާ މީހުންނާއެކު ހޮސްޕިޓަލުތައް ފުރިފައިވާ ކަމަށެވެ. ގަދަ ފިންޏާ ގުޅިގެން ކުރިމަތިވެފައިވާ ސިއްހީ ބައެއް މައްސަލަތަކުގެ ތެރޭގައި އިންފްލުއެންޒާ، ޑީހައިޑްރޭޝަން އަދި ނިއުމޯނިއާ ފަދަ ބަލިތައް ހިމެނޭކަން ޢާއިޝާ ވަނީ ފާހަގަކުރައްވާފައެވެ.
ބަންގްލަދޭޝްއަށް ކުރިމަތިވެފައިވާ އާދަޔާ ހިލާފު ގަދަ ފިނީގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަމުންދަނީ ނިކަމެތި ފަގީރު ހާލުގައި އުޅޭ، ދަށް ފަންތީގެ އާމްދަނީ ލިބޭ ލޭބަރުން ކަމަށާ، އެމީހުންނަކީ އެކަށީގެންވާ ހެދުންވެސް ލާން ނުލިބޭ މީހުންކަން ބަންގްލަދޭޝްގެ ސިއްހަތާ ބެހޭ ޑައިރެކްޓަރޭޓްގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކުޑަކުދިންނާ އުމުރުން ދުވަސްވީ މީހުންނަކީ ނިއުމޯނިއާ ފަދަ ބަލިތައް ޖެހުމުގެ ފުރުސަތާ، ނުރައްކާ ބޮޑު ބައެއްކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ބަންގްލަދޭޝްގެ މޫސުމާ ބެހޭ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކަކީ އެ ގައުމަށް އާދަޔާ ހިލާފަށް ފިނި ދުވަސްތަކަކަށް ވާނެއެވެ.