މީލާދީ އާ އަހަރުގެ ފެށުމާ ދިމާކޮށް ރަޝިޔާގައި ދޭން ރާވަމުންދިޔަ ޓެރަރިސްޓް ހަމަލާއެއް ހުއްޓުވުމަށް އެމެރިކާއިން ފޯރުކޮށްދިން ޖާސޫސީ އެހީތެރިކަން ފާހަގަކުރައްވައި، ރަޝިޔާގެ ރައީސް ވްލޭޑްމިއާ ޕޫޓިން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ޝުކުރު ދަންނަވައިފިއެވެ.

ކްރެމްލިންއިން އާންމުކުރި ބަޔާނަކާ ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނާ ގޮތުގައި ޓެރަރިޒަމްގެ ހަމަލާ ހުއްޓުވުމަށް އެމެރިކާއިން ފޯރުކޮށްދިން އެހީތެރިކަމާއެކު ޕޫޓިން ވަނީ އާދިއްތަ ދުވަހުގެ ވަގުތެއްގައި ޓްރަމްޕަށް ފޯނުން ގުޅުއްވައިގެން ވާހަކަފުޅުދައްކަވާފައެވެ.

ރަޝިޔާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާއަކީ އާ އަހަރުގެ ފެށުމުގެ މުނާސަބާއާއި ދިމާކޮށް ސެއިންޓް ޕިޓާޒްބާގްގައި ދޭން އުޅުނު ޓެރަރިސްޓް ހަމަލާއެކެވެ. ދޭން އުޅުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރަޝިޔާއިން 2 މީހަކު ހައްޔަރުކޮށްފައިވާއިރު، ބައިބޯ އެއްވުންތަކަކަށް އަމާޒުކޮށް ހަމަލާދޭން ރާވާފައިވާ ރޭވުންތަކެއްވެސް ކަމާބެހޭ ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާކަމަށް ޚަބަރު ލިބެއެވެ.

2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެމެރިކާއާއި ރަޝިޔާއާއި ދެމެދު މިފަދަ ގުޅުންތަކެއް ވަނީ ބަދަހިކޮށްފައެވެ. އެފަހަރުވެސް ރަޝިޔާއަށް ދޭން އުޅުނު ޓެރަރިސްޓް ހަމަލާތަކެއްގެ މައުލޫމާތު އެމެރިކާއިން ވަނީ ފޯރުކޮށްދީފައެވެ.

ރަޝިޔާއާއި އެމެރިކާއަކީ ޒަމާންވީ 2 ހަތުރުން ކަމުގައި ވީ ނަމަވެސް، ޕޫޓިންއާއި ޓްރަމްޕްއަކީ ޒާތީ ފެންވަރެއްގައި ބަލާއިރު ގާތް ދެ ލީޑަރުން ކަމަށް ބުރަވެއެވެ. އެގޮތުން 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޓްރަމްޕަށް ކާމިޔާބު ކޮށްދިނުމުގައި ރަޝިޔާގެ އަތެއް އޮތް ކަމަށްވެސް އަޑުތަކެއް ވަނީ ފެތުރިފައެވެ.