ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑުތަކުން ކާމިޔާބު ކުރުމަށްޓަކައި ޕީޕީއެމް ޕީއެންސީގެ ހުރިހާ ސަޕޯޓަރުންވެސް މަސައްކަތް ކޮށްދިނުމަށް އިދިކޮޅުން ގޮވާލައިފި އެވެ.
ޕީޕީއެމް ޕީއެންސީން މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރުމަށްޓަކައި ޕީޕީއެމް ޕީއެންސީގެ ހުރިހާ ސަޕޯޓަރުންވެސް މަސައްކަތް ކޮށްދިނުމަކީ ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި، ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުން ކުރާ މަސައްކަތަށް ލީޑާޝިޕުން ޝުކުރު ދަންނަވާކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ދެ ޕާޓީގެ މަސައްކަތް އަތޮޅުތަކުގައި ބާރަށް ކުރިޔަށްދާ ކަމަށާއި އެގޮތުން މިވަގުތު އައްޑޫ ސިޓީ އާއި ގދ. އާއި ގއ. އަތޮޅުގެ އިތުރުން ތ. އަތޮޅުގައި އެ ޕާޓީގެ މަސައްކަތްތައް ހިނގަމުން އަންނަ ކަމަށެވެ. ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އިދިކޮޅު ދެ ޕާޓީގެ ލ. އަތޮޅު ދަތުރު ވަނީ ފަށާފަ އެވެ. މިރޭ ލާމަށް ފުރަނީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރުމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕޭޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ލ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރަށް ފަހު މާދަމާ މ. އަތޮޅަށް ޕީޕީއެމް ޕީއެންސީގެ ޓީމެއް ފުރާނެ ކަމަށް އިދިކޮޅުން ބުނެއެވެ. އިދިކޮޅު ފަރާތްތައް ރޭ ވަނީ ދ. ކުޑަހުވަދޫގައި ޖަލްސާއެއް ބާއްވައިފަ އެވެ. އަދި ލ. އަތޮޅަށް ކުރާ ދަތުރުގައި ވެސް ޖަލްސާއެއް ބާއްވާނެ އެވެ.