ގދ. ފަރެސްމާތޮޑާގައި ހިނގާދިޔަ މާރާމާރީއަކާ ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދޭ ގޮތުގައި، ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހާއި 27 ވަނަ ދުވަހު ގދ. ފަރެސްމާތޮޑާގައި ގުރޫޕް މާރާމާރީތަކެއް ހިނގާފައިވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި މާރާމާރީތައް ހިނގާފައި ވަނީ އެރަށު މާތޮޑާއާއި ފަރެސް އަވަށަށް ނިސްބަތްވާ ޒުވާނުން ތަކެއްގެ ދެމެދުގައި ކަމަށްވެސް ފުލުހުން ބުނެއެވެ. މި މާރާމާރީތަކުގައި ތިން މީހަކަށް އަނިޔާވެގެން އެރަށުގެ ސިއްހީ މަރުަކަޒުން ފަރުވާ ދީފައި ވާކަމަށާއި، މި ތިން މީހުންނަށްވެސް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މާރާމާރިތަކާއި ގުޅިގެން އުމުރުން 19 އަހަރާއި 18 އަހަރާއި އަދި 20 އަހަރުގެ ދިވެހި ތިން ފިރިހެނުންވަނީ ކޯޓު އަމުރުގެ ދަށުން ހައްޔަރުކުރެވިފައި ކަމަށެވެ. އަދި މި ތިން މީހުންނަށްވެސް ތިނަދޫ ކޯޓުންވަނީ 7 ދުވަހުގެ މުއްދަތު ދީފައި ކަމަށްވެސް ފުލުހުން ބުނެއެވެ. މިއީ އެރަށުގައި ސިލްސިލާކޮށް ހިންގަމުންދާ މަރާމާރީތަކެއް ކަމަށް ބެލެވޭކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުން ނެވެ.