ކިރިއާ އުޑުމަތި ބަނަކޮށްލިއަސް ބައެއް މީހުންނަކީ އާދަޔާ ހިލާފަށް އަތްފައި ފިނިވާ މީހުންނެވެ. މިއިން ކަމަކާ ނުލާވެސް އަތްފައި ފިނިވާ މީހުން އުޅެއެވެ. އާންމުކޮށް އަތްފައި ފިނިވަނީ އަތާއި ފައިގެ ގުނަވަންތަކަށް އެކަށީގެންވާ މިންވަރަށް އޮކްސިޖަން ނުލިބުމުގެ ސަބަބުންނެވެ. އެއީ އެންމެ ރަނގަޅަށް ލޭ ދައުރު ނުކުރުމުގެ ސަބަބުން މެދުވެރިވާ ހާލަތެކެވެ.

އާދަޔާ ހިލާފަށް އަތްފައި ފިނިވެ، ހީކުރެވުމަކީ ސިއްހީ އެހެން މައްސަލަތަކެއްގެ އަލާމާތަކަށްވެސް ވެދާނެއެވެ. އެގޮތުން އެނީމިއާއާއި، އާދަޔާ ހިލާފަށް ވަރުބަލިވުމާ، ނާރުތައް ހަލާކުވުމާ، ހައިޕޯތައިރޮއިޑިޒަމްއާއި ހަކުރު ބަލީގެ އަލާމާތްތަކަކަށްވެސް ވެދާނެއެވެ. ދެތިން ހެދުން ލައިގެން ނުވަތަ މަތިމަތިން އިސްޓާކީނަށް އެރުމުންވެސް ފިނިވާނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދުން ބުއްދިވެރިއެވެ.

އެރޯމާތެރަޕީ ސެޝަނަކަށް ތައްޔާރުވާން އެސެންޝަލް އޮއިލް އަޅަނީ/ފޮޓޯ: ޑެބީޒްހެލްތްފުޑްސް

ދޭތެރެއަކުން އަތްފައި ފިނިވާނަމަ ނުވަތަ މޫސުމީ ބޮޑު ބަދަލާ ގުޅިގެން އަތްފައި ފިނިވާނަމަ ގޭގައި ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ. އެގޮތުން އަތްފަޔަށް ހޫނުކޮށްލުމަށްޓަކައި ތާފަނާ ތެޔޮ ފޮދަކުން އަތާއި ފައިތިލަ ރަނގަޅަށް މަސާޖުކުރެވިދާނެއެވެ. އަތްފައި އުނގުޅާ މަސާޖުކޮށްލުމާ އިސާހިތަކު ލޭ ދައުރުކޮށް، އެ ގުވަންތަކަށް އޮކްސިޖަން ދަތުރުކުރަން ފަށާނެއެވެ.

މަސާޖު ކުރުމުގެ އިތުރުން، އެޕްސޮމް ސޯލްޓް އަޅާފައި ހުރި ތާފަނާ ފެންނަށް ފައިލައިގެން އިނުމުންވެސް އަތްފައި ފިނިވުމަށް ކުޑަ ލިޔެއް ލިއްބައިދޭނެއެވެ. މީގެ އިތުރުން މެގްނީޒިއަމްގެ އަސަރުވެސް ހަށިގަނޑަށް ފޯރުކޮށްދޭނެއެވެ.

ތާޒާ މޭވާއާއި ތަރުކާރީ މޭޒެއް/ފޮޓޯ: ގެޓީއިމޭޖަޒް

އައިފައި ފިނިވުމަށް ދިމާވާ އެންމެ އާންމު އެއް ސަބަބަކީ ހަށިގަނޑުން ދަގަނޑުގެ ބައި މައުދުވުން ކަމަށްވާއިރު، ކެއިންބުއިމުގައި މިމާއްދާ އެކުލެވޭ ބާވަތްތައް ބޭނުންކުރަން ސަމާލުކަން ދޭށެވެ. ދަގަނޑުގެ ބައިގެ މުއްސަނދިކަން ލިބިފައިވާ ބައެއް ބާވަތްތަކުގެ ތެރޭގައި ކަދުރު، ސޯއީ ބީންސް، ބޯވެލިފަތް، އާފަލު، ހިއްކި އެޕްރިކޮޓް، ޒައިތޫނި އަދި ބީޓްރޫޓް ހިމެނެއެވެ.

މިހުރިހާ ކަމަކުންވެސް ލިބެނީ ވަގުތީ ހައްލަކަށް ވެފައި، އަދިވެސް އަތްފައި ފިނިވުމުގެ މައްސަލައަށް ހައްލެއް ނުލިބިއްޖެނަމަ ޑޮކްޓަރެއްގެ އިރުޝާދު ވަގުތުން ވަގުތަށް ހޯދަންޖެހޭ އަލާމާތްތަކެއްވެސް ހުރެއެވެ. އެގޮތުން އަތްފައި ފިނިވުމާއެކު އާދަޔާ ހިލާފަށް ވަރުބަލިކަން އިހުސާސްކުރެވުމާ، ހުން އައުމާ، ހުޅުހުޅުގައި ރިއްސުމާ، ހަމުގައި ފާރު ހެދުމާ، ހެދޭ ފާރުތައް ފަސޭހަވުން ލަސްވުމާ، އާދަޔާ ހިލާފަށް ބަރުވެ ނުވަތަ ލުއިވުން ކަހަލަ ކަމެއް މެދުވެރިވާނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރުގެ އެހީ ހޯދަން ވާނެއެވެ.