ކ. ތިލަފުށި ފަޅުތެރޭ އޮތް ލޯންޗެއްގައި ރޯވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ބިދޭސީއެއް ފިހިފައި ވާ ކަމަށާއި އެމީހާ މާލެ ގެނެސް ފަަރުވާދޭން ފަށާފައި ވާ ކަމަށެވެ.

ތިލަފުށީ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޯވެފައި ވާ މައްސަލައެއް މިއަދު ހެނދުނު 11:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާ ކަމަށެވެ.

ސިފައިންނާއި ފުލުހުން ކުރި މަސައްކަތުން އެ ލޯންޗުގައި ހުރި އަލިފާންގަނޑު ނިއްވާލެވިފައި ވާ ކަމަށެވެސް ފުލުހުން މައުލުމާތު ދެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ލޯންޗުގެ މަތީ ގެގަނޑު އެއްކޮށް ވަނީ އަނދާފައި ކަމަށާއި ފަޅުތެރޭގައި އޮތް އިތުރު ދޯންޏަކަށްވެސް ވަނީ އަލިފާނުގެ އަސަރު ކޮށް އެކި ވަރުގެ ގެއްލުންފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ ހާދިސާ ހިނގާފައި ވަނީ ތިލަފުށީގައި އަލަށް ހިއްކި ސަރަހައްދުގެ މޫދުގައި އަޅާފައި އޮތް ލޯންޗެއްގައި ކަމަށްވެސް ފުލުހުން ބުނެއެވެ. އެ އަލިފާން ގަނޑު ނިއްވާލެވިފައި ވަނީ މެންދުރު 12:15 ހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 26 ގައި ވަނީ ވިލިމާލެ ފަޅުތެރޭގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ 6 މީހަކު ފިހިފައެވެ.

މީގެ އިތުރުން މާލޭގެ ޓީޖެޓީ ސަރަހައްދުގައި އަޅާފައިވާ ލޯންޗެއްގައި އަލިފާން ރޯވެ އެ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރުތަކެއްގައިވެސް ވަނީ އަލިފާން ރޯވެ، އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައިވެސް ބައެއް މީހުންނަށް އަނިޔާވިއެވެ.