މަނީ ލޯންޑަރިންގެ މައްސަލައިގައި ޖަލަށް ލައިފައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ދިފާއުގައި މިއަދު ތިބީ އުމުރުން ދުވަސްވި ދެ މީހަކާއި ތާޅަފިއްޔަކާ އެކަނި ކަމަށް މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހިގެ މެޖޯރިޓީ ލީޑަރުކަންވެސް ކުރައްވާ އާޒިމް ވިދާޅުވީ، ރައީސް ޔާމީނަށް ނުހައްގުން އަދަބެއް ދެވިފައިވާނަމަ، އެމަނިކުފާނުގެ ދިފާއުގައި މީހުން ނުކުންނާނެ ކަމަށާއި އަދި ރައީސް ޔާމީނު މިނިވަން ކުރުމަށް ހަގީގީ މަސައްކަތްތަކެއް ކުރާތަން ފެނުނީސް ކަމަށެވެ.

ނަމަވެސް މިއަދު މީހުން މަދުވަމުން މަދުވަމުން ގޮސް އުމުރުން ދުވަސްވީ 2 މީހަކާ ތާޅަފިއްޔެއް ފިޔަވައި ޔާމީނުގެ ދިފާއުފައި މީހަކު ނުކުމެ އުޅޭތަން ފެނިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް އިޝާރާތް ކުރައްވަނީ، ރައީސް ޔާމީނު ޖަލަށް ލުމާ ގުޅިގެން ސިލްސިލާ ގޮތެއްގައި ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ކޮންމެ ރެއަކު ބާއްވަމުން ގެންދިޔަ އިހުތިޖާޖަށެވެ. ރައީސް ޔާމީނު ހައްޔަރު ކުރި އިރު އިހުތިޖާޖުގައި ފޯރި ނެރުނު ނަމަވެސް މިހާރު ވަނީ އަޑު މަޑުވެ، ރައީސް ޔާމީނު މިނިވަން ކުރުމުގެ ވާހަކަ ދެއްކުންވެސް މަދުވެފައެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އެ ދެމީހަކާ ތާޅަފިލީގެ އިތުރުން ދެން ބޮޑުވަރަކަށްވެސް ފެންނާނީ، ދޭތެރެއަކުން ކޮންމެސް ޓީވީ ޗެނަލަކަށް މީހަކު އަރާ ވާހައެއް ދައްކާލާތަނެކެވެ.

މަނީ ލޯންޑްރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލީ؛ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ 1 މިލިއަން ޑޮލަރު ރައީސް ޔާމީން އަމިލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. އަދި އެ ފައިސާގެ އަސްލު އޮޅުވާލެއްވުމުގެ ތުހުމަތުވެސް ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައެވެ.

މަނީ ލޯންޑާ ކުރުމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައި ވަނީ މިދިޔަ ނޮވެމްބަރު 28 ވަނަ ދުވަހެވެ. އެ ކުށަށް ކްރިމިނަލް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗަކުން ވަނީ 5 އަހަރަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށް 6 މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައެވެ.

އެމްއެމްޕީއާރުސީ ހިޔާނާތަކީ ރާއްޖޭގެ ފަހގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތެވެ. އެހިޔާނާތުގެ ފައިސާ 267 މީހަކަށް ލިބިފައި ވާކަން ރިޕޯޓުތަކުން ދައްކައެވެ. އޭގެ ތެރޭގައި 8 ފަނޑިޔާރަކާއި މިހާރުގެ ސަރުކާރުގައި ތިއްބެވި 7 ބޭފުޅަކާއި، 18 ވަނަ މަޖިލީހުގެ 44 މެންބަރުންނާއި 19 ވަނަ މަޖިލީސް (މިހާރު ހިނގަމުންދާ މަޖިލިސް) ގެ 16 މެންބަރެއް ހިމެނޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ.